ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އަށް ތާއީދު ކުރައްވާކަން ރައީސް މައުމޫންގެ ބޭފުޅުން ހާމަކުރެއްވުމަކީ އެ ބޭފުޅުންގެ އަމިއްލަ ނިންމުންތަކެއް ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ ބޭފުޅުން ޔާމީނަށް ތާއީދު ކުރައްވާކަން ރޭ ހާމަކޮށްފައިވަނިކޮށް ރައީސް މައުމޫން ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ ދެ ސަފްހާގެ ބަޔާނެއްގައި ބުނެފައި ވަނީ އެ މަނިކުފާނު ޕީޕީއެމްގެ ރައީސް ކަމުގައި ހުންނަވައިގެން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ މަނިކުފާން އެ ވިސްނުމުގައި ހުންނަވަނިކޮށް، އެ މަނިކުފާންގެ ބޭފުޅުން ނިންމަވާ ނިންމެވުންތަކަކީ އެ ބޭފުޅުންގެ އަމިއްލަ ނިންމެވުންތަކެއް ކަމަށެވެ.
"އަޅުގަނޑު މިހެން ހުރި ކަމުގައިވީ ނަމަވެސް އަޅުގަނޑުގެ ދަރީންނަކީ ތަސައްރުފު ފުދިފައިވާ އަދި ސިޔާސީ ކަންކަމުގައި އަމިއްލަ ގޮތް ނިންމުމުގެ ހައްގު އޮތް ބަޔެކެވެ. ވީމާ މި ޕްރައިމަރީގައި ވެސް އަދި ސިޔާސީ އެހެން ކަންކަމުގައި ވެސް އަޅުގަނޑުގެ ދަރީން ނިންމާ ނިންމުންތަކަކީ އެމީހުން އަމިއްލައަށް ނިންމާ ނިންމުންތަކެކެއް،" އެބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެ މަނިކުފާންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިވަގުތު ހުންނެވީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މަގާމުގައި ކަމަށް ވާތީ އެ ބޭފުޅާ ހުންނެވީ މުޅި ޕާޓީގެ މަސްލަހަތަށް ޓަކައި އެ ޕާޓީގެ ޕްރައިމަރީގައި ވަކި ފަރާތަކަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާ ގޮތަށް ނޫން ކަމަށެވެ. އަދި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ބޭފުޅުންނަކީ ވެސް އެ ޕާޓީ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ދެ ބޭފުޅުން ކަމަށާއި އެ ޕްރައިމަރީގައި ކާމިޔާބް ކުރައްވާ ކޮންމެ ބޭފުޅަކާ އެކު ހުންނާނެ ކަމަށް އެ ބަޔާނުގައި ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު ރޭ ޔާމީންގެ ޓީމުން ބޭއްވި ހަފްލާގައި ޕީޕިއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ބޭފުޅުން ވަނީ ޔާމީނަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ. އެގޮތުން ރައީސް މައުމޫންގެ ދުންޔާ މައުމޫން އާއި ފާރިޝް މައުމޫންގެ އިތުރުން ޣައްސާން މައުމޫން އާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ އެ ހަފްލާގައި ބައިވެރިވެ ސްޓޭޖްމަތީގައި ޔާމީންއާ އަތުގުޅުވާލައްވައިފަ އެވެ.
ރައީސް މައުމޫންގެ ބޭފުޅުން ޔާމީންގެ ކެމްޕެއިންގައި ބައިވެރިވެ ޔާމީންއާ އެކު އަތްގުޅާލާފައިވާ އިރު އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ މައުމޫންގެ ހުރިހާ ބޭފުޅުން ތިއްބެވީ ޔާމީންއާ އެކު ކަމަށާއި ޔާމީނަށް ވޯޓް ދެއްވަންވީ އެ ސަބަބަށް ޓަކައި ކަމަށެވެ.
އަޅުގަނޑުގެ ދަރިން ނިންމާ ނިންމުންތަކަކީ އެ މީހުންގެ އަމިއްލަ ނިންމުންތަކެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ