ފުލުހުންނަށް ފިލައިގެން އުޅޭ ސޮފްވާން އަށް މައުމޫން އުފަންދުވަހުގެ ތަހްނިޔާ ފޮނުވައިފި

ފުލުހުން ތަކުރާރުކޮށް ހޯދަން އިއުލާން ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާން އަށް ރައީސް މައުމޫން މިއަދު އުފަންދުވަހުގެ ތަހުނިޔާ ފޮނުވައިފިއެވެ.
ފުލުހުންނަށް ފިލައިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާ ސޮފްވާން އަށް މައުމޫން ޓްވިޓާ މެދުވެރިކުރައްވާ ފޮނުވި އުފަންދުވަހުގެ ތަހްނިޔާގައި ވިދާޅުވީ ސޮފްވާން އަށާއި އަދި އާއިލާ އަށް ވެސް ރަނގަޅު ސިއްހަތަކާއި އުފާވެރި ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސޮފްވާން ވަނީ ރައީސް މައުމޫންގެ ޓްވީޓް ރީޓްވީޓް ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ސޮފްވާން ދިރިއުޅެނީ ރާއްޖެއިން ބޭރުގަަައެވެ. އޭނާ ހޯދުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ އެދިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން، މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އަމަލީ ގޮތުން ސޮފްވާން ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.
އެމައްސަލައިގައި ސޮފްވާން ފުލުސް އޮފީހަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި ފުލުސް އޮފީހަށް ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ