މައުމޫން އުޅުއްވަނީ ވެރިކަމަށް ވަޑައިގަންނަވަން: ނަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނާއި މައުމޫންގެ އަނބިކަބަލުންގެ ބޭބެ އިލްޔާސް އިބްރާހީމާ ޖެއްސުމަށް ފަހު "ވަހުދަތުގައި"ގެ ނަމުގައި މައުމޫން ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތްކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.
~
އެމްޑީޕީ އިން ޖަލްސާ ބާއްވަމުން އަންނަ އުސްފަސްގަނޑު ކޯޓް އަމުރެއްގެ ދަށުން ފުލުހުން ބެލުމުގެ ދަށަށް ގެންދިއުމުން އުސްފަސްގަނޑު ކައިރީގައި ރޭ އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މައުމޫން ވެރިކަމަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެ ޔާމީނަށް އޮޅުވާލާތާ މިހާރު 15 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ.
"އަޅުގަނޑު އުމުރުގެ ގޮތުން ކުޑަޔަސް، ސިޔާސީ ހަރަކާތުގައި މައުމޫނަށް ވުރެ ސިޔާސީ ހަރަކާތުގައި އަޅުގަނޑުގެ އުމުރު މަދެއްނުވާނެ. މައުމޫން އެ ގަންނަވާ ގަނޑު އެ ކުރައްވާން އެ އުޅުއްވާ ކަންތައްތައް އަޅުގަނޑުމެނަށް ވަރަށް ސާފު. އިލްޔާސް އާއި ޔާމީން އާއި ޖައްސަވާފައި ހަރާބުވީއޭ ވިދާޅުވެ ވަހުދަތުގައި ހިފައިގެން ވަޑައިގެންނެވުން،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫން އެ ވަހުދަތުގައި ހިފަހައްޓާތާ ވަރަށް ގިނަ ދުވަސް ތަކެއްވެއްޖެ ކަމަށާއި މައުމޫން އަނެއްކާ އިންތިހާބަށް ވަޑައިގެންނެވުމުން ބަލިކުރައްވާނެ ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުން ބަލިކުރެއްވި ނަމަވެސް މިފަހަރު ބަލި ކުރައްވާނީ އެއް ބުރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ގިނަ ބަޔަކު ބައިވެރިވި އެވެ. އަދި އުސްފަސްގަނޑު ސަރަހައްދު ބަންދުކޮށްފައި ވުމުން އެކަމާ ދެކޮޅަށް އެ ހިސާބުގައި އެމްޑީޕީގެ ސަޕޯޓަރަން އަޑު އުފުލި ނަމަވެސް މާބޮޑު ހަމަނުޖެހުންތަކެއް ހިނގި މަންޒަރެއް ނުފެނެ އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން، އެމްޑީޕީ އަށް ސިޔާސީ ހަރަކާތް ހިންގުމަށް ދޫކޮށްފައިވާ އުސްފަސްގަނޑު ބޭނުން ކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ކަމަށް ކަނޑައަޅައި އުސްފަސްގަނޑު ހަތް ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ވަނީ މި މަހު 20 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް މާލޭ ސިޓީ ކައުންސިލުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.
އެ މައްސަލަ މާލޭ ސިޓީ ކައުންސިލުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އިއްޔެ ނެރުނު އަމުރެއްގައި ބުނެފައި ވަނީ އެ ކޯޓުން ވަކި ގޮތެއް އަންގަންދެން އުސްފަގަނޑު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށެވެ.
ފުލުހުން ބުނެފައި ވަނީ ކޯޓު އަމުރު އެ ގޮތަށް އޮތްހާ ހިނދަކު އެ ސަރަހައްދުގައި އެމްޑީޕީ އަށް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ