ރައީސް މައުމޫންގެ ނަންފުޅު ހަމައެކަނި ދިވެހިން ހަނދާން ކުރާނީ 30 އަހަރު ވެރިކަން ކުރެއްވި ރައީސެއްގެ ގޮތުގައެއް ނޫނެވެ. އެއީ މަޑުމައިތިރި ކަމާއި އެކު ރިވެހި އަޙްލާޤު ދިވެހިންގެ ތެރޭގައި ދެމެހެއްޓުމަށް ނުހަނު އިސްކަން ދެއްވި އަދި އަމަލުން އެކަން ދެއްކެވި ބޭފުޅެކެވެ. ހަރުކަށި ބަސްމަގަކީ މީގެ ކުރިން ރައީސް މައުމޫންގެ ފަރާތްޕުޅުން އަޅުގަނޑުމެން ދެކުނު ކަމެއް ނޫނެވެ.
ނަމަވެސް އެދުވަސް މިއަދު ނިމުމަށް އައިސްފިއެވެ. ރައީސް މައުމޫންގެ ސިޔާސީ މަސައްކަތްތައް ވެސް ހަރުކަށި ސިޔާސީ ފިކުރާއި ދިމާއަށް މިއަދު ދީލާލައިފިއެވެ. މީގެ ކުރިން ގެންގުޅުނު މަޑުމައިތިރި ޑިޕްލޮމެޓިކް ސިޔާސަތަށް މިއަދު ރައީސް މައުމޫން އަލްވަދާއު ކިޔައިފިއެވެ.
އެކަން އެނގިގެން މިދިޔައީ ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ބިރުފަހަނައަޅައި ނުގޮސްފިނަމަ ސިޔާސީ މަޤުޞަދުތައް ދުވަހުވެސް ހާސިލް ނުވާނެ ކަމަށް ވިދާޅުވުމުންނެވެ. ގޯސްކޮށް ކަމެއް ހިނގާނަމަ އެވާހަކަ ރައީސް މައުމޫން ވިދާޅުވުމަކުން މައްސަލައެއް ނެތެވެ. އެއީ އެމަނިކުފާނު ކުރައްވަން ވެސް ޖެހޭނެ ކަމެކެވެ. އެއީ އެމަނިކުފާނުގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ވެސް މެއެވެ.
ނަމަވެސް އަބަދުވެސް ދަމަހައްޓަމުން އައި އުސޫލުތަކާއި ހަމަތައް ހިފެހެއްޓުމަކީ މިހާރު ވެސް، ކޮންމެ ހާލަތެއްގައި ވެސް ރައީސް މައުމޫން ވެސް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. ދިވެހި ރައްޔިތުން އެމަނިކުފާނަށް ތާއިދު ކުރަނީ އަދި ކުރިއަށް އޮތްތާ ތާއީދު ކުރާނީ ވެސް ރައީސް މައުމޫން މާޒީގައި ދެއްކެވި މިސާލު އެމަނިކުފާނު ކުރިއަށް އޮތްތަނުގައި ވެސް ދެއްކެވުމުންނެވެ.
ރައީސް ޔާމިނަކީ ރައީސް މައުމޫންގެ "ހިޔަނީގެ" ގޮތުގައި ވެރިކަން ކުރައްވާނެ ބޭފުޅެއް ކަމަށް ރައީސް މައުމޫން ވެސް އަދި ބައެއް އެހެން ބޭފުޅުން ވެސް ކުރިން ހީކުރުން އެކަށީގެންވެއެވެ. ރައީސް ޔާމީން ވެރިކަން ކުރާނީ ރައީސް މައުމޫން ވިދާޅުވި ގޮތަކަށް ކަމަށް ވެސް ހީކުރުން އެކަށީގެންވެއެވެ. ނަމަވެސް ކަންތައް މިވަނީކީ އެހެނެއް ނޫނެވެ.
ރައީސް މައުމޫން 30 އަހަރުން ކުރި ތަރައްޤީ 30 އަހަރުން ކުރާކަށް ރައީސް ޔާމީން ބޭނުންފުޅެއް ނުވިއެވެ. އެތަރައްޤީ ގެންނަން ރައީސް ޔާމީން ބޭނުންފުޅުވަނީ އެއްދައުރެވެ. އެހެންކަމުން ރައީސް މައުމޫނަށް ވުރެ ބާރަށް، އަވަހަށް ކަންތައްތައް ކުރައްވަން ރައީސް ޔާމިނަށް މިވަނީ މަޖުބޫރުވެ ވަޑައިގެންފައެވެ.
ރައީސް މައުމޫންގެ ސިޔާސަތު ރައީސް ޔާމީން ކޮޕީ ނުކުރައްވާތީ ރައީސް މައުމޫން ސިޔާސީ ގޮތުން ރައީސް ޔާމިނާއި ދިމާކުރައްވައިގެން އުޅުއްވާ މަންޒަރު އެބަފެނެއެވެ. ރައީސް ޔާމިނަށް މިހާރު ރަނގަޅު އެއްވެސް ކަމެއް ކުރެއްވެވޭ ކަމަކަށް ރައީސް މައުމޫން ގަބޫލުފުޅު ނުކުރައްވާ ކަހަލައެވެ. އެހެންކަމުން ރައީސް މައުމޫން މިއަދު ވިސްނުންފުޅު އެހެރީ "ރަސްމީކޮށް" އިދިކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައި ރައީސް ޔާމިނާއި ދެކޮޅަށް ނިކުމެ ވަޑައިގަންނަވަން ކަމަށް ވެދާނެއެވެ.
ނަމަވެސް ރައީސް މައުމޫން ހަނދުމަފުޅު ކުރައްވަން ޖެހޭނެ ވަރަށް ގިނަ ކަންކަން މިއަދު އެބަހުއްޓެވެ. އެއީ ބަޔަކު ބިރު ފަހަނައަޅައި ގޮސް ރައީސް މައުމޫނަކީ ހުދުމުހުތާރު، އަނިޔާވެރި، ކޮރަޕްޓް ވެރިއެއް ކަމަށް ނިޔާ ކަނޑައެޅި ކަނޑައެޅުމެވެ. އެއީ ބަޔަކު ބިރުފަހަނައަޅައި ގޮސް ކޮންމެ ގޮތަކުން ވެސް ރައީސް މައުމޫންގެ ވެރިކަން ވައްޓާލަން ކުރި މަސައްކަތެވެ. އެއީ ބަޔަކު ބިރު ފަހަނައަޅައި ގޮސް ރައީސް މައުމޫންގެ ގޯތި ސަރުކާރަށް ނަގަން ނިންމި ނިންމުމެވެ.
މިހުރިހާ ކަމެއް ހަނދުމަފުޅު ކުރައްވައިގެން ހުންނަވާ ރައީސް މައުމޫން މިއަދު ބައްލަވަންވީ ހަރުކަށިކަން ދައްކަވައިގެން މިއަދު ސިޔާސީ މަސައްކަތް ހިންގުން އެއީ ބަޔަކު ގަބޫލު ކުރާނެ ކަމެއްތޯއެވެ. ބިރު ފަހަނައަޅައި ދިޔަ ބޭފުޅުންނަށް މާޒީގައި ކަންތައް ވެގެން ދިޔައީ ކިހިނެއްތޯއެވެ. ވެރިކަމުގެ ދައުރު ވެސް ހަމަކޮށް ނުލެވުނެވެ. ދެން އިންތިޙާބެއް ކާމިޔާބު ކޮށް ވެސް ނުލެވުނެވެ. އޭގެ ފަހުން ޕާޓީގެ ޓިކެޓްގައި އާންމު އިންތިޙާބަށް ނިކުތް ބޭފުޅުންގެ ތެރެއިން ވެސް ގޮނޑި ކާމިޔާބު ކުރެއްވުނީ ނިކަން މަދު ބޭފުޅުން ކޮޅަކަށެވެ. މިއަދު ޕާޓީ އެދަނީ މިސްރާބެއް ނެތިއެވެ.
އެހެންކަމުން މިއިން މިދައްކުވައިދެނީ ސިޔާސީ ގޮތުން ގެންގުޅޭ ހަރުކަށި ވިސްނުމަށް މިއަދު ދިވެހި މުޖުތަމަޢު މަރުޙަބާ ނުކިޔާނެކަމެވެ. މިއަދު ދިވެހިން މަރުޙަބާ ކިޔާނީ މަޝްވަރާ އަށެވެ. މިއަދު ދިވެހިން މަރުޙަބާ ކިޔާނީ ހަޤީޤީ ސިޔާސީ ހަރަކާތަށެވެ. މިއަދު ދިވެހިން މަރުޙަބާ ކިޔާނީ ގޮއްމުށުގެ ބާރަކަށް ނޫނެވެ. މިއަދު ވެރިކަން ބަދަލުކުރުމަށް މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރަން ދިވެހިން ބޭނުމެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް ގައުމުގެ ތަރައްޤީ އަށް ކުރެވޭ މަސައްކަތްތަކަށް އިސްކަންދޭން މިއަދު ދިވެހިން އެބަ ބޭނުންވެއެވެ.
ސިޔާސީ މައިދާނުގައި ރައީސް މައުމޫން މަސައްކަތް ކުރައްވާތާ ބައި ގަރުނު ވާން ކައިރިވެފައި ވާއިރު އެމަނިކުފާނަން މިކަން މިހާރު އެނގިވަޑައިގަންނަވަން ވާނެއެވެ. އެނގިވަޑައި ނުގަންނަވާނަމަ ރައީސް މައުމޫންގެ ސިޔާސީ ވިސްނުންފުޅާއި މެދު މިއަދު ސުވާލު އުފައްދަން އެބަޖެހެއެވެ.
މައުމޫން ބިރު ފަހަނައަޅައި ދިއުން – ނަތީޖާ އަކީ ކޮބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ