"ތާށިވެފައި" ތިބެން ޖެހުމަކީ މިއަދު ފުލުހުންނަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުން - އުމަރު

މިއަދު ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ފުލުހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޤާނޫނު ތަންފީޒު ކުރާ ނިޒާމާއި، ރައްޔިތުންނާއި ދެމެދުގައި ތާށިވެފައި ތިބުންކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ސްޓްޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް (އައިލްސް) އިން ފުރަތަމަ ޑިގްރީ ނިންމި ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އުމަރު ވިދާޅުވީ ޤާނޫނު ތަންފީޒު ކުރާ ނިޒާމާއި، ރައްޔިތުންނާއި ދެމެދުގައި ތާށިވެފައި ތިބުމަކީ ހަމައެކަނި ދިވެހި ފުލުހުންނަށް ދިމާވެފައިވާ ގޮންޖެހުމެއް ނޫން ކަމަށާއި ދުނިޔޭގެ އެހެނިހެން ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް ފުލުހުންނަށް މިފަދަ ގޮންޖެހުންތަކާއި ދިމާވާކަމަށެވެ.
މި ގޮންޖެހުންތަކަށް އިޝާރާތްކުރައްވާ މިސާލެއްގެ ގޮތުން މިނިސްޓަރ ވިދާޅުވީ ގެއެއްގައި މަސްތުވާތަކެތި ބަންދުކުރާ ކަމުގެ ޚަބަރު ލިބުމުން ފުލުހުން އެގެއަކަށް ވަންނަން ޖެހޭ ވަގުތަކީ ވަރުބަލިކަމާ އެކު ފަނޑިޔާރު ނިދިކުރައްވާފައި އޮންނެވި ވަގުތަކަށް ވެސް ވެދާނެ ކަމަށާއި، ރައްޔިތުމީހާ ފުލުހުންނަށް ރިޕޯޓު ކުރިނަމަވެސް، ކޯޓު އަމުރަކާ އެކުގައި ނޫނީ ފުލުހުންނަށް އެ ގެއަށް ނުވަދެވޭނެ ކަމަށެވެ.
"...އަނެއްބައި ފަހަރަށް ވަރަށް ގިނަ ވަގުތުވެސް ނަގައިފާނެ. އެދޭތެރޭ މެދުގައި، މި ހުރިހާ ކަމެއް ހިނގާއިރު އެދޭތެރޭ މެދުގައި ތާށިވަނީ ހަގީގަތުގައި ގާނޫނު ތަންފީޒުކުރާ މީހާ،" މިނިސްޓަރ ވިދާޅުވިއެވެ. މިކަންކަން ހައްލުކުރުމަށްޓަކައި ކަންކަން އެނގިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރ އުމަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އުމަރު އިތުރަށް ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ހަތަރު ބައިކުޅަ އެއްބަޔަކީ ޤާނޫނު ތަންފީޒު ކުރުން ކަމަށާއި، އަނެއް 3/4 އަކީ ރައްޔިތުންނަށް ޚިދުމަތްކުރުން ކަމަށެވެ.
މީގެ އިތުރުން ކުށް ކުރުމުގެ މައްސަލަތަކާއި ރާއްޖެ އަށް އަންނަ ނުރައްކާތެރި މީހުންނާއި ފިލައިގެން އުޅޭ ބިދޭސީންގެ މައްސަލަތަކާއި ނުރައްކާތެރި ހަތިޔާރު އެތެރެ ކުރުމުގެ މައްސަލަތަކަކީ ދިރާސާކޮށްގެން ހައްލު ކުރަން ޖެހޭ ކަންތައްތައް ކަމަށާއި، މިކަންކަން ހައްލުކުރުމަށް، ކުރިއަރާފައިވާ ޤައުމުތަކުން އަމަލުކުރި ގޮތްތައް ބަލައި އެގޮތަށް އަމަލުކުރުން މުހިއްމުކަމަށް މިނިސްޓަރ އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ