"ރައީސް ޔާމީން އަށް ދެވަނަ ދައުރެއް ދީފިނަމަ، ރައްޔިތުން ހީނުކުރާ ވަރުގެ ކުރިއެރުން ރާއްޖެއަށް އަންނާނެ"

ރައީސް  ޔާމީން އަށް ދެވަނަ ދައުރެއް ދީފިނަމަ ރައްޔިތުން ހީނުކުރާ ވަރުގެ ކުރިއެރުން ރާއްޖެއަށް އަންނާނެ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މަޢުރޫފު ވިދާޅުވެއްޖެއެވެ.
"ވަގުތު" އަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި މެންބަރު މަޢުރޫފު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް އެއްވެސް ޝަރުތަކާ ނުލައި ރައީސް ޔާމީން އަށް ދޭން ޖެހޭ ކަމަށާއި، ރައީސް ޔާމީން ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބު ވެއްޖެނަމަ އިޤްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ރައްޔިތުން ހީނުކުރާ ވަރުގެ ބަދަލުތައް އަންނާނެކަމަށެވެ.
ރައީސް ޔާމީންގެ ޤާބިލު ކަމާމެދު އެމްޑީއޭއިން ޝައްކު ނުކުރާ ކަމަށާއި، 2018ގެ ޓިކެޓް އެމަނިކުފާނަށް ޙައްޤުވާ ވާހަކަ ކަމަށް ވެސް އެމްޕީ މަޢުރޫފު ވިދާޅުވިއެވެ.
"ދައުރުގެ މެދާ ހިސާބަށް އައިއިރު ދިވެހި ހުރިހާ ރައްޔިތުން ޤަބޫލު ކޮށްފަ އޮތް އެއްޗެއް، ހާއްސަކޮށް ޕީޕީއެމް އިން އެކަމާ ދޭތެރޭ ޝައްކު އުފައްދަން ޖެހޭނެކަމަކަށް އަޅުގަނޑު ނުދެކެން" މައުރޫފް ވިދާޅުވިއެވެ.
ރައީސް ޔާމީން އަށް ތާއީދު ކުރައްވަނީ އެމަނިކުފާނުގެ ޤާބިލް ކަމުގެ ސަބަބުން ކަމަށާއި، 2018 އަށް ރައީސް ޔާމީން ހޮވުމަށް ކޮންމެފަދަ ޤުރުބާނީއެއްވެސް ވެވަޑައިގަންނަވާނެ ކަމަށް މެންބަރު މައުރޫފު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ތާރީޙުގަ ނުދެކޭފަދަ ރައީސަކު، މިހާ ހަލުވި ސްޕީޑްގަ ދިވެހިރާއްޖެއަށް އިގްތިސާދީ ބަދަލުތަކެއް ގެނެސްދެއްވާފަ ވާއިރު ދިވެހިރާއްޖޭގެ ރައްޔިތުން އެބަ ވިސްނަން ޖެހޭ ދެވަނަ ދައުރެއް ރައީސް ޔާމީން އަށް ދިނުން ވަރަށް މުހިއްމުކަން" މައުރޫފް ވިދާޅުވިއެވެ.
ފަސް އަހަރަކީ ވަރަށް ކުރުމުއްދަތެއް ކަމަށާއި، ފަސް އަހަރުގެ ދައުރެއް ނިމިގޮސް ދެން ލިބޭ ފަސްއަހަރުގައި، ފަށާފައި ހުރި ބޮޑެތި ޕްރޮޖެކްޓްތައް ނިންމައިލުން ވަރަށް ފަސޭހަވާނެކަމަށް މެންބަރު މައުރޫފު ވިދާޅުވިއެވެ. "އަދި އިތުރު ޕްރޮޖެކްޓްތަކެއް އައިސް ރައީސް ޔާމީންގެ އިޤްތިސާދީ ތަސައްވަރު މުޅިރާއްޖެއަށް ފެތުރިގެންދާނެކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ. އެހެންވީމާ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ރައީސް ޔާމީން އަށް ވެރިކަމުގެ އެއްދައުރު އަދި ދިނުމަކީ ވަރަށް ބުއްދިވެރި ކަމެއްގެ ގޮތުގަ އަޅުގަނޑު ދެކެނީ" މައުރޫފް ވިދާޅުވިއެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ޕީޕީއެމްގެ ރިޔާސީ ޓިކެޓާއި ގުޅޭގޮތުން އެޕާރޓީގެ ތެރޭ އުފެދިފައިވާ ޚިޔާލު ތަފާތުވުން ތަކާއި ބެހޭގޮތުން މެންބަރު މައުރޫފު ވިދާޅުވީ ރައީސް މައުމޫން އަކީ ޑިމޮކްރަސީ އަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށާއި ، ތަހުޒީބު ވެފައިވާ ޑިމޮކްރަސީ ވެއްޓެއްގައި މަސައްކަތް ކުރާގޮތަށް އެޕާރޓީ އިން (ޕީޕީއެމް) މަސައްކަތް ކުރަންވާނެ ކަމަށެވެ.
"އެގޮތަކީ ރައީސް ޔާމީން އަށް އެއްވެސް ޝަރުތަކާއި ނުލައި ޓިކެޓް ދިނުން. އަޅުގަނޑު ޤަބޫލު ކުރާގޮތުގަ އަސާސީ ޤަވައިދުވެސް ހުއްދަ ކުރާނެ، އަދި އަސާސީ ޤަވައިދު ހުއްދަ ނުކުރަންޏާ އެ ބަދަލުތައްވެސް އިންޓާރނަލީ ގެނެސް، އެކަން ކޮށްދިނުން އެއީ އެންމެ ބުއްދިވެރި ގޮތް ކަމުގައި އަޅުގަނޑު ދެކެނީ" މައުރޫފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ