ބޭރުން ލިބުނު ތައުލީމާއި ތަމްރީނުގެ ބޭނުން މިހާރު އެބަހިފޭ: އުމަރު ނަސީރު

އުމަރު ނަސީރު ފުލުހުންގެ ތެރޭގައި އުޅުއްވި ދުވަސްވަރު ރާއްޖެއިން ބޭރުން ލިބިވަޑައިގެންނެވި ތަމްރީނުތަކަކީ ރިޔާސީ ލޯންޗުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު އެއްޗެއް ގޮވި ހާދިސާ ތަހުގީގު ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ލިއްބައިދިން އެއްޗެއް ކަމަށް އުމަރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ލޯންޗުގެ ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޔާމިން އެކުލަވާލެއްވި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ކޯޗެއާކަން ވެސް ކުރައްވާ އުމަރު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އުމަރުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އޭރު ކިޔެވި ތަކެތީގެ ބޭނުން މިހާރު ހިނގައިގެން އުޅޭ ހާދިސާ ތަހުގީގުކޮށް ހަގީގަތް ހޯދުމުގައި އެހީތެރިވެދޭ ކަމަށެވެ.
އުމަރު ނަސީރު، މިހެން ވިދާޅުވެ މިރޭ ކުރެއްވި ޓްވީޓުގައި އެމަނިކުފާނު އެދާއިރާއިން ކިޔަވާ ވިދާޅުވި ކަމުގެ ލިޔުމަކާއި ކިޔަވަން އުޅުއްވި ދުވަސްވަރުގެ ފޮޓޯވެސް ހިމަނުއްވާފައިވެއެވެ.
ރިޔާސީ ލޯންޗުގެ ހާދިސާއަށް ފަހު އުމަރުގެ ނަމުގައި ތަފާތު އެސްއެމްއެސްތަކެއް ދަނީ ދައުރުވަމުންނެވެ. މިއަދު އުމަރު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އަނެއްކާވެސް މަނިކުފާނުގެ ނަންބަރުން ފޭކް މެސެޖްތަކެއް ދައުރުވަމުންދާ ކަމަށާއި މިއީ ލޯންޗުގެ ހާދިސާގެ ހަގީގަތް ފޮރުވަން އުޅޭ ބައެއްގެ އަމަލަކަށް ވެދާނެ ކަމުގައެވެ.
އުމަރު ނަސީރުގެ ނަމުގައި މީގެކުރިން މެސެޖްތަކެއް ދައުރުވަމުންދިޔަ މައްސަލާގައި ހޯމް މިނިސްޓްރީން ބުނެފައިވަނީ އެއީ މިނިސްޓަރު އުމަރަށް ރައީސް ޔާމީން ކުރައްވާ އިތުބާރަށް ކެތްނުކުރެވިގެން ބަޔަކު މީހުން އެމަނިކުފާނުގެ އަގުވައްޓާލަން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އުމަރު ސަރުކާރުގައި ހުންނެވީ ވަރަށް ސާބިތުކަމާއި އެކު ކަމަށާއި އުމަރުގެ އަގު ވައްޓާލަން ހިންގާ ނާތަހުޒީބު އަމަލުތަކަށް އޭނާ ހުންނެވީ ވަރަށް ހުށިޔާރުވެގެން ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގު ކުރުމަށް ރައީސް އެކުލަވާލެއްވި ކޮމެޓީގެ އެންމެ އިސްވެރިއަކަށް އުމަރު އައްޔަން ކުރެއްވި ހިސާބުން ނާއިބު ރައީސްގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ގެންދަނީ އެ ހާދިސާގެ ހުރިހާ ކަމެއް ނާއިބު ރައީސްގެ އިސްތަށިފުޅުގައި އެޅުވުމަށް އުމަރު މަސައްކަތް ކުރައްވާކަމަށް ތުހުމަތު ކުރަމުންނެވެ.
ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގު ހިނގަމުންދާއިރު މިމައްސަލައިގެ ތުހުމަތުގައި ސަރުކާރާ ގުޅިފައިވާ ބައެއް ބޭފުޅުންގެ ގެތައް ވަނީ ބަލައި ފާސްކުރަންފަށާފައެވެ. އެގޮތުން ރޭ މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ގެ، މ. ޝޫރާ މަންޒިލް ބަލައި ފާސްކުރުމަށްފަހު ވެލާނާގޭގައި ހުންނަ އެމްއެމްޕީއާރްސީގެ އޮފީހަށް ފުލުހުން ވަދެ އެތަންވެސް ބަލައިފާސްކޮށްފައިވެއެވެ. މިކަމާގުޅިގެން ދާދިފަހުން ރައީސް ޔާމިން ވިދާޅުވެފައި ވަނީ އެެއްވެސް ބޭފުޅެއްގެ މޫނަކަށް ކަދުރާއަކަށް ބެލުމެއްނެތި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ