ރާއްޖޭގެ ސިޔާސީ މަސްރަޙް ފިނިކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޕާޓީތަކުގެ މަޝްވަރާއަށް ރައީސް ގޮވާލެއްވުމުން އެކަމަށް ޖޭޕީގެ ލީޑަރު މަރުހަބާ ވިދާޅުވެފައިވާކަން ހާމަކުރައްވާ ޖުމްހޫރީ ޕާޓީގެ ތަރްޖަމާން އަލީ ސޯލިޙް ވިދާޅުވީ މަޝްވަރާގެ އުސޫލުން ގައުމަށް އެންމެ ފައިދާވާނެ ގޮތްތަކަށް ކަންކަން ކުރެއްވުމަކީ ގާސިމް އެދިވަޑައިގަންނަވާގޮތްކަމަށެވެ.
ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށް، މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން ނިންމުމުން އެ ނިންމުމާއި އެއްގޮތަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ގާސިމް ރައްޔިތުންނަށް ދެއްވާކަމަށްވެސް އަލީ ސޯލިޙް ވިދާޅުވިއެވެ.
އަދި ގައުމުގައި މިވަގުތު ހުރި ރައްޔިތުން ކަންބޮޑުވާ ކަންކަމަށް މަޝްވަރާތަކުން ހައްލު ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށްވެސް އަލީ ސޯލިޙް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކާ އަލުން މަޝްވަރާކުރުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާ އެކަން އިއުލާންކުރެއްވީ ބުރާސްފަތި ދުވަހުއެވެ.
މި ރައީސް އޮފީހުން ބުނީ ސިޔާސީ ޕާޓީތަކަށް ދައުވަތު ފޮނުވުމާއި، މަޝްވަރާތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ގޮތުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. އަދި މިފަހަރު ފަށާ މަޝްވަރާތަކަކީ ނަތީޖާ ނެރެވޭ އަދި ރައްޔިތުންނަށް ފައިދާ ހުރި މަޝްވަރާތަކަކަށް ވުމަށް ރައީސް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ރައީސްގެ މިނިންމުމާއި ގުޅިގެން އެމްޑީޕީން ބުނެފައިވަނީ މަޝްވަރާތަކުގައި ކުރިއަށް ދެވޭނީ ސިޔާސީ ބޭފުޅުން މިނިވަންކުރުމުންކަމަށެވެ. އަދާލަތު ޕާޓީން ވަނީ މަޝްވަރާތަކުގައި ބޭރުގެ ފަރާތްތަކުގެ ބައިވެރިވުމެއްނެތި މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތްކަމަށް ބުނެފައެވެ.
ސިޔާސީ ޕާޓީތަކާއެކު އަލުން މަޝްވަރާ ފަށަން ރައީސް ނިންމަވާފައިވާއިރު، ޔޫރަޕުގެ ވަފުދުގެ ބޭފުޅުން ވަނީ ސިޔާސީ ޕާރޓީތައް ބައިވެރިވާ މަޝްވަރާތައް އެޕާޓީއަކުން އެދޭ ބަޔަކު ބައިވެރިކޮށްގެން މެނުވީ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު މީގެ ކުރިންވެސް ޕާޓީތަކުގެ މެދުގައި ކުރިއަށް ގެންދަން ނިންމި މަޝްވަރާތައް ބައެއް ޕާޓީތަކާއެކު ކުރިއަށް ނުގެންދެވުނީ ޖަލުގައި ތިއްބެވި ބައެއް ސިޔާސީ ބޭފުޅުން މަޝްވަރާތަކުގައި ބައިވެރިކުރުމަށް ހުށައެޅުމާ ގުޅިގެންނެވެ.
އެފަހަރު ސަރުކާރުން ބުނެފައިވަނީ ކުށްވެރިންނާއި ޖަލުގައި ތިއްބެވި ބޭފުޅުން ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ނުގެންދާނެ ކަމަށެވެ.
ޕާޓީތަކުގެ މަޝްވަރާއަށް ގާސިމް މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ