ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވެފައިވަނީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާއި ގުޅިގެން އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތް ހާމަކޮށް ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ މެންބަރުންނަށް ފޮނުއްވެވި އެސްއެމްއެސްގައެވެ.
މައުމޫނުގެ މެސެޖުގައި ވިދާޅުވެފައިވަނީ، ދިވެހިރައްޔިތުންގެ ލާބައާއި މަންފާއަށްޓަކއި، ޕާޓީގެ ގުނަވަންތަކުގައި ދަންނަވަންޖެހުނު ކޮންމެ އެއްޗެއް ދެންނެވުމަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ މައްޗަށް ވާޖިބެއްކަމަށެވެ. އެހެންކަމުން މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް މަޖިލީހުން ފާސްކުރެއްވުމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރުގެ ބިލާއިމެދު މައުމޫނު ކަންބޮޑުވުން ފާޅުކުރައްވާއިރު، ޕީޕިއެމްގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫންވެސް ވަނީ އެ ބިލް މިހާރު އޮތްގޮތަށް ފާސްކުރުމަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ައަބުރުގެ ބިލް މިހާރު އޮތްގޮތަށް ފާސްކުރަން ނުފެންނަ ކަމަށާއި، އެބިލަކީ ނޫސްވެރިކަމަށް ހުރި ގޮންޖެހުމެއް ކަމަށްބުނެ ބިލާއިމެދު މަޝްވަރާކުރުމަށް ނޫސްވެރިންނާއި މޯލްޑިވުސް މީޑިޔާކައުންސިލުންވެސް ދަނީ ސަރުކާރުގައި އެދެމުންނެވެ. މީގެ އިތުރަށް މި ބިލާއިމެދު އިދިކޮޅު ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ އެ ބިލާ މެދު ކަންބޮޑުވުންފާޅުކޮށް، އެ ބިލަކީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށްބުނެ ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.
އަބުރުގެ ބިލަށް ވޯޓު ނުދެއްވުމަށް މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ