ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާއަށް، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ، އައިޝަތު ނާޒިމާއަށް ތާއީދު ކުރުމަށް، ޕްރޮގްރެސިވް ކޯލިޝަނުން ނިންމި ނިންމުމާއި އެކު، މި އިންތިޚާބުގައި އެ ކޯލިޝަންގެ ފުރިހަމަ ތާޢީދު ނާޒިމާ އަށް އޮންނާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވައިފިއެވެ.
"ވަގުތު" އިން ކުރެއްވި ސުވާލެއްގެ ޖަވާބުގައި ، އަދުރޭ ވިދާޅުވީ، ޖުމްހޫރީ ޕާޓިީ އާއި އެކު ކޯލިޝަން ހަދަން ނިންމާފައިވާ ކަމަށާއި، އެހެންކަމުން، ހެންވޭރު ހުޅަނގު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓަށް ތާޢީދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކެނޑިޑޭޓަކީ ނާޒިމާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ނާޒިމާ ފިޔަވާ، ހެންވޭރު ހުޅަނގު ދާއިރާގަ އަޅުގަނޑުމެން ތާޢީދު ކުރާނެ ކެނޑިޑޭޓެއް ނުހުންނާނެ. އެއީ ޖުމްހޫރީ ޕާޓީ އާއި ގުޅިގެން މަޖިލިސް އިންތިޚާބަށް ދިއުމަށް ނިންމި ނިންމުމާއި ގުޅޭ ކަމެއް. އެހެންކަމުން، ޕްރޮގްރެސިވް ކޯލިޝަންގެ ފުރިހަމަ ތާޢީދު ނާޒިމާ އަށް އޮންނާނެ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައި މިވަނީ، އެ ދާއިރާއަށް ވާދަކުރައްވާ ބައެއް ކެނޑިޑޭޓުން، އެ ބޭފުޅުން އެ ވާދަކުރައްވަނީ، ރައީސް ޔާމީންގެ ތާޢީދާއި އެކު ކަމަށް ވާހަކަދެކެވޭ ދަނޑިވަޅެއްގައެވެ.
ނާޒިމާ އަކީ ކުޅިވަރުގެ ދާއިރާއިން ޤައުމީ ފެންވަރުގެ އެތައް އެވޯޑު ތަކެއް ޙާޞިލުކުރައްވާފައިވާ މަޤްބޫލު ޝަޙްޞިއްޔަތެކެވެ. އަދި މި އަހަރުގެ އަންހެނުންގެ ދުވަހާއި ގުޅިގެން ބޭއްވި ޚާއްޞަ ޖަލްސާގައި، ރެހެންދި އެވޯޑުވެސް ވަނީ ނާޒިމާއަށް ލިބިލައްވާފައެވެ.
މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ
ހެންވޭރު ހުޅަނގު ދާއިރާގެ ކެނޑިޑޭޓަކަށް އަޅުގަނޑުމެން ތާޢީދު ކުރަނީ ނާޒިމާއަށް - އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ