އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން މިހާރުވެސް އެކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި އިސްމާއީލް ހަބީބުގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ އީސީގެ މެމްބަރުކަމަށް ކުރިމަތި ލެއްވި 16 މީހުންނާ އިންޓަވިއުކޮށްފަ އެވެ. އަދި އެމީހުންނަށް ކޮމެޓީން ވަނީ މާކްސް ދީފަ އެވެ. އެގޮތުން ހަބީބަށް 90.28 މާކްސް ލިބިފައިވާއިރު، ދެން އެންމެ މަތިން މާކްސް ލިބިފައިވަނީ އަހުމަދު މޫސާ ހ. އަމްސާވިލާ، މާލެ އަށެެވެ. އޭނާއަށް 75.57 މާކްސް ލިބިފައި ވެއެވެ.
ކޮމެޓީން ދިރާސާ ކުރާއިރު، ކޮމެޓީން ފާސްވާ ކަމަށް ނިންމަނީ 75 މާކްސްއިން މަތީ މާކްސް ލިބޭ ފަރާތްތަކުގެ ނަންތަކެވެ.
އެގޮތުން އީސީގެ މެމްބަރު ކަމަށް ކުރިމަތި ލެއްވި 16 މީހުންގެ ތެރެއިން ކޮމެޓީން ފާސްވި ކަމަށް ނިންމާފައިވަނީ ހަބީބުގެ ނަމާއި އަހުމަދު މޫސާގެ ނަން އެކަންޏެވެ. ދެން ތިއްބެވި ފަރާތްތަކަށް ލިބިފައިވަނީ 75 އިން ދަށް މާކްސް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެމްބަރުކަމުގެ މަގާމަށް މީހަކު އައްޔަން ކުރަން ނަގާ ވޯޓު އެޖެންޑާ ކޮށްފައި ވެއެވެ.
ރައީސް އޮފީހުން އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ކޮމިޝަންގެ މިހާރު ވެސް މެންބަރުކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބްގެ މެމްބަރު ކަމުގެ ދައުރު ހަމަވާތީ އެވެ. ކޮމެޓީން ރުހުންދޭން ފާސްކޮށްފައިވާ ދެބޭފުޅުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބިލެއްވީވެސް ހަބީބަށެވެ.
އީސީގެ މެމްބަރު ކަމުގައި ދެ ދައުރު ހުންނެވުމުގެ ފުރުސަތު ލިބިދޭތީ ގާނޫނީ ހުރަހެއް ހަބީބަކަށް ނެތެވެ.
އީސީގެ މެމްބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ހަބީބުގެ ދައުރު ހަމަވާނީ، އަންނަ މަހު އެވެ. ހަބީބުގެ އިތުރުން އީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތު އެވެ.
އީސީގެ މެމްބަރުކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
މެމްބަރަކަށް ހުންނަ މުއްދަތުގައި އެހެން ވަޒީފާއެއް ވެސް އަދައެއް ނުކުރެވޭނެ އެވެ.
އީސީގެ މެމްބަރު ކަމަށް ހަބީބުގެ ނަން ކޮމެޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ