ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބަޔާން ޖޭއެސްސީން ނަގައިފި

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅިފައިވާ ދެ މައްސަލައަކާ ގުޅިގެން އެ ތިން ބޭފުޅުންގެ ބަޔާނެއް ނަގައިފިއެވެ. އެ ތިން ބޭފުޅުންގެ ބަޔާން ޖޭއެސްސީން ނަގާފައިވާކަމަށް އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް ވަނީ ކަށަވަރުވެފައެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ އެއް މައްސަލަ އަކީ ޕަބްލިކް ސާވިސް މީޑިއާގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލައިގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލައެވެ. ދެވަނަ މައްސަލަ އަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އެ ތިން ފަނޑިޔާރުން ސޮއިކޮށް އެ އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްފައިވާތީ، އެ ތިން ފަނޑިޔާރުން ދެ ފަހަރު ދެ ގޮތަށް ހުކުމް ކުރަމުންދާތީ، އެ ފަނޑިޔާރުންގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި ހުށަހަޅާފައިވާ މައްސަލައެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ: 1. ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ 2. ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމް 3. ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅު 4. ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން 5. ކޮމިޝަންގެ މެމްބަރު އަބްދުލް ހަންނާން އަހްމަދު 6. ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމް 7. ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިފްއަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ