ހަތް މެމްބަރުންގެ ވޯޓާ އެކު ޖޭޕީގެ ޕީޖީ ލީޑަރަކަށް ގާސިމް، ނައިބަކަށް ކާނަލް ނާޒިމް

ސަރުކާރު ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ، ޕާލިމަންޓަރީ ގުރޫޕު (ޕީޖީ)ގެ ލީޑަރަކަށް ހަތް މެމްބަރުންގެ ވޯޓާ އެކު، އެ ޕާޓީގެ ލީޑަރު އަދި މާގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއާއި ޕީޖީގެ ޑެޕިއުޓީ ލީޑަރަކަށް ދަނގެތި ދާއިރާ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިންތިހާބު ކޮށްފިއެވެ. ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު މިރޭ "ސަން" އަށް ވިދާޅުވީ، އެ ޕާޓީގެ ޕީޖީގެ ލީޑަރު އަދި ނައިބު ލީޑަރަކު ހަމަޖެއްސީ ރޭ ބޭއްވި އެ ޕާޓީގެ ޕީޖީ ބައްދަލުވުމެއްގައި ކަމަށެވެ، އަދި އެކަން މިއަދު މަޖިލިސް އިދާރާ އަށް ވެސް އަންގައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ކަނޑައަޅާފައި އޮންނަ އުސޫލުގެ މަތިން ޕީޖީ މެމްބަރުންގެ މެދުގައި ވޯޓަކަށް އަހައިގެން ޕީޖީ ލީޑަރު އަދި ޑެޕިއުޓީ ލީޑަރު ވަނީ އިންތިހާބު ކޮށްފައި،" އަލީ ސޯލިހް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް އަލީ ސޯލިހް ނުދެއްވައެވެ. ޖޭޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ތިއްބަވަނީ ރަސްމީ ފަސް މެމްބަރުންނެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ޖޭޕީގެ ޕީޖީ ބައްދަލުވުމުގައި ހަތް މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އެ ޕާޓީއަށް ނިސްބަތްވާ ދެ މެމްބަރުންގެ ހިމަނައިގެންނެވެ. އެގޮތުން ޕީޖީ ލީޑަރާއި ނައިބު ލީޑަރު ކަނޑައެޅީ، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފުގެ ވޯޓާ އެކު ޖުމްލަ ހަތް ވޯޓުންނެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލިސްގައި ޖޭޕީގެ ޕާޖީ ލީޑަރުކަން ކުރެއްވީ، އޭރު ކިނބިދޫ ދާއިރާ މެމްބަރު އަދި މިހާރު ތިމަރަފުށީ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒު އެވެ. އަދި އެ މަޖިލީހުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވީ، ކެންދޫ ދާއިރާ މެމްބަރު، އަލީ ހުސައިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ