ރާއްޖޭގެ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް ސޯލިހު

މިދިއަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ހާލަތު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.ސިފައިންގެ 127ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ލަންކާގައި ދިން ޓެރަރިޒަމް ހަމަލާތައް ރާއްޖެއިން ކުށްވެރި ކުރަނީ ހަރުކަށި ކަމާއެކުގައި ކަމަށާއި ލަންކާއަށް ކުރިމަތިވި ހިތާމައަކީ މުޅި މި ސަރަހައްދަށް ކުރިމަތިވި ހިތާމައެއް ކަމަށެވެ. ރައީސް ސޯލިހު ވަނީ އާދިއްތަ ދުވަހު ހިނގި އެ ހާދިސާއާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށް ސަރުކާރާއި ދިވެހިންގެ ނަމުގައި ތައުޒިޔާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ އެ ހަމަލާތަކާއި ގުޅިގެން ގައުމީ ދިފާއީ ބާރާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން، ރާއްޖޭގެ ސަލާމަތީ ހާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަވައްޓެރި ލަންކާގައި ދިން ޖާނުންފިދާވުމުގެ އެ ހަމަލާތަކުގައި މިހާތަނަށް ތިންސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް ބަޔަކަށް މިހާރުވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި އެ ހަމަލާތައް ދީފައިވަނީ ލަންކާގައި ހަރަކާތްތެރިވާ ޖަމާޢަތެއް ކަމުގައިވާ ނޭޝަނަލް ތައުހީދު ޖަމާޢަތުން ކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ