ޑޮލަރުގެ އަގު ބޮޑުތަނުން ދަށަށް | ހަތް މަސްތެރޭ 1.25ރ. ގެ ވެއްޓުމެއް

ޑޮލަރު މިހާރު ލިބެން ހުރީ 17.25 އަށެވެ. މިއީ ނޮވެމްބަރު މަހު ޑޮލަރެއް ލިބެމުން ދިޔަ 18.50ރ. އާ އަޅާބަލާނަމަ ބޮޑުތަނުން ވެއްޓިފައި ވުމެވެ.
ޑޮލަރުގެ އަގު ތިރި ވަމުން ގޮސް، އެންމެ ފަހުން ޑޮލަރެއްގެ އަގު 17.25ރ. އަށް ވެއްޓި ޑޮލަރު ފޮރުވައިގެން ތިބި މީހުންނަށް ގެއްލުމާ ކުރިމަތި ވެއްޖެ އެވެ. 
މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ 15.42ރ. ގެ ރޭޓަށްވުރެ ބޮޑުކޮށް މާރު ކުރުމަކީ މަނާ ކަމެއް ނަމަވެސް މިކަން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނީ ކުރަމުންނެވެ. މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިހާރު 17.25ރ. އަށް ވެސް ބައެއް ފަރާތްތަކުން ދަނީ ޑޮލަރު މާރު ކުރަމުންނެވެ. އަދި އާއްމުކޮށް މަގު މަތިން ޑޮލަރު ވިއްކާ ތަންތަނުގެ އަގު ހުރީ 17.40ރ. އާއި 17.35ރ. އާ ދެމެދުގަ އެވެ. 
އަގަށް އައި މި ބަދަލަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޑޮލަރުގެ އަގު ހުރި 18.50 އާ އަޅާ ކިޔާނަމަ 1.25ރ. ގެ ވެއްޓުމެކެވެ. 
ރާއްޖޭގައި ޑޮލަރުގެ އަގު ކުރިއަށް އޮތްތަނުގައި ތިރިވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މީގެ މަހެއް ކުރިން ވިދާޅުވެފަ އެވެ. އޭނާ  އެ ފަހަރު އެހެން ވިދާޅުވީ ސަރުކާރުން އަޅަން ފަށާ ފިޔަވަޅުތަކެއްގެ މައްޗަށް އިޝާރާތް ކުރައްވަ އެވެ. ނަމަވެސް އޭރަކު އަޅާނެ ފިޔަވަޅުތަކެއް ސަރުކާރަކުން ނުބުނެ އެވެ. ސައީދު ވިދާޅުވި ގޮތުގައި ޑޮލަރު ފޮރުވައިގެން ތިބޭނަމަ ހުރި ޑޮލަރު ކޮޅުގެ އަގު ވެއްޓި އޭގެ ހަގީގީ ފައިދާ ނުލިބިދާނެ އެވެ. ސަރުކާރުން މިހާތަނަށް ވަނީ ކަޅު ބާޒާރުގައި ޑޮލަރު މާރު ކުރުމުގެ މަސައްކަތް ކުރާ ހަތް ބިދޭސީއެއް ރާއްޖޭން ޑީޕޯޓްކޮށްލާފަ އެވެ. ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕު ކުރުމާ ދުރަށް ދިއުމާއެކު ކުރިއަށް އޮތްތަނުގައި އިގްތިސޯދުން އޭގެ ފައިދާ ފެނި ދިވެހި ފައިސާގެ ވަރުގަދަ ވާނެ ކަމަށް ވިދާޅުވެފަ  އެވެ. 
ޑޮލަރުގެ އަގު ދަށްވުމުގައި މީގެ އިތުރުން އަނެއް ސަބަބަކީ މިދިޔަ ދެ މަހުވެސް ސަރުކާރަށް ބޮޑު ލޯނެއް ދައްކަން ނެތުމެވެ. މި އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން އިންޑިއާއަށް ދެއްކި ލޯނު ފިޔަވަައި އިތުރު ބޮޑު ލޯނެއް ދައްކަން ޖެހިފައެއް ނެތެވެ.
ސަރުކާރުން ވަނީ ޑޮލަރުގެ އަގު ދަށް ކުރަން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދާދި ފަހުން ވަނީ ރާއްޖެއަށް ޗައިނާ އާއި އިންޑިއާއިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސަ ވާނެ ކަމަށް ވިދާޅުވެފަ އެވެ. 
މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާގެ ރާއްޖެއަށް އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމުގެ މަޝްވަރާތަކަށް ޗައިނާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ރާއްޖެ ވަޑައިގަންނަވަން ދައުވަތު ދެއްވާފައިވާނެ ކަމަށެވެ. މަޝްވަރާތަކުގައި މަސައްކަތް ކުރައްވާނީ ކަރަންސީ ސޮވޮޕް އަކަށް ދިއުމަށެވެ. މީގެ އިތުރުން އިންޑިއާއިން ގެންނަ މުދަލަށް ވެސް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭނެ ގޮތަށް ހޯދުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައި ވެއެވެ. މިނިސްޓަރު ސައީދު ވިދާޅުވި މި ބަދަލުގެ ސަބަބުން ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓް ވެއްޓޭނެ އެވެ. މީގެ ނަތީޖާއަކީ ޑޮލަރުގެ އަގު 15.42 އަކަށްވުރެ ވެސް ރޭޓަށް ތިރި ވުމެވެ.  
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ