މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުވަން ލިބުމަކީ ލިބޭ ހިތްހަމަޖެހުމަކަށް ވާނެ: ނައިބު ރައީސް

މީޑިއާތައް އަމިއްލަ ފައި މައްޗަށް ތެދުވަން ލިބުމަކީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކަށް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަދި ޕީ.އެސް.އެމް ނިއުސްގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާގެ ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ނައިބު ރައީސް ވަނީ މިފަދަ ދުވަހެއްގައި އެމަނިކުފާނަށާއި، ނޫސްވެރިންނަށާއި މުޖުތަމަޢުގެ އެހެން އަފުރާދުންނަށްވެސް ލިބޭނެ ހިތްހަމަޖެހުމަކީ ރައްޔިތުން އިތުބާރުކޮށްފައި ހޮވާ ސަރުކާރަކުން، އެ ރައްޔިތަކާ ދޭތެރޭގައި އަޅާލުން ގެންގުޅުން ކަމަށް ވިދާޅުވެ މި ސަރުކާރުން އަބަދުވެސް ނޫސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރާނެކަމުގެ ޔަގީން ކަން ދެއްވާފައެވެ.
ނައިބު ރައީސް ވިދާޅުވީ، މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިޙުސާސްކުރެއްވޭ ކަމަށާއި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ނޫސްވެރިންނާ ބައްދަލުކުރައްވުމަކީ، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ރައީސަކު ނޫސްވެރިންނާ ގާތް ގުޅުމެއް އުފެއްދެވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިތަން ފެނިގެންދިޔަ ކަމެއްކަން ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގެ ތެރެއިން ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ރައީސް ޑރ.މުޢިއްޒު މަސައްކަތްޕުޅު ފެއްޓެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ދަޢުލަތުގެ މީޑިއާވެސް އަދި އެހެނިހެން މީޑިއާތަކުގެވެސް ހިންގުމަށް އޮތް ގޮންޖެހުމަށް ޙައްލެއް ގެނައުމަށް ރައީސް ޑރ.މުޢިއްޒު ވައުދުވެވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ދަޢުލަތުން މީޑިއާތައް އަދި ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން އިޙުސާސްވެވަޑައިގެން، ރައީސް ޑރ.މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މަސައްކަތްޕުޅުތަކެއް ފެއްޓެވިކަމަށާއި އެގޮތުން ރައީސް ޑރ.މުޢިއްޒު ބޭނުންފުޅުވީ، އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދަޢުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށް ކަމަށެވެ.
މީގެއިތުރުންވެސް ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދަޢުލަތުން މީޑިއާތަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެކަމުގެ ޔަގީންކަން ދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ.މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވާކަމަށާއި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.
ނޫސްވެރިންނަކީ ހަޤީޤަތުގައިވެސް ވަރަށް ބޮޑު ޒިންމާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް ކަމަށާއި، ރައްޔިތުންނާއި އެއިރެއްގައި އެ އޮންނަ ސަރުކާރަކާ، ނޫނީ ދަޢުލަތާވެސް ގުޅުވައިދެނީ ނޫސްވެރިން ކަމަށާއި، ޤައުމަށް ހެޔޮ ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން މީޑިއާތަކާ ރައްޓެހި ސަރުކާރެއްގެ ގޮތުގައި ކަމަށްވެސް ނައިބު ރައީސް ގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ