މޫސުން ގޯސްވެ ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވެ ތިބުމަށް އިލްތިމާސްކޮށްފި

ކުރިޔަށް އޮތް ވަގުތުތަކުގައި ރައްޖެއަށް މޫސުން އިތުރަށް ގޯސްވެ، ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވެ ތިބުމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މިއަދު އެންޑީއެމްއޭ އިން ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައި ވަނީ، މޫސުން ކުރިޔަށް ލަފާކުރާ ގޮތުން ކުރިޔަށް އޮތް 24 ގަޑއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާފައި ވާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.
މި ސަބަބަށްޓަކައި، ފެންބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި ރައްޔިތުންގެ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް އެންޑީއެމްއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.
މޫސުން ގޯސްވެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރުވުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކެއްގެ އެންޑީއެމްއޭ އިން ފާހަގަކޮށްފައިވާ ކަންކަން:
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން. - ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން، މިގޮތުން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން. - ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލު ކުރުން، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރުން. - ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރު ކުރުން. - ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން. - ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާފައި ބެހެއްޓުން -ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން، އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުން.
އެންޑީއެމްއޭ އިން ވިދާޅުވީ، މަތީގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޚާއްސަލަ ސަމާލުކަމެއް ދެއްވުން އެދޭ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފު ކުރެއްވުމަށް އެދޭ ފަރާތްތަކުން 7787700 ނަމްބަރު ފޯނަށް ގުޅުމަށްވެސް އެ އިދާރާއިން އެދިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ