ރައްޔިތުން ފުރުސަތު ދޭން ޖެހޭނީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް: އަދުރޭ

ކުރިއަށް އޮތް ރަޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ފުރުސަތު ދޭން ޖެހޭނީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 87 ދާއިރާއަކަށް އަމިއްލަ ގޮތުން 186 ކެންޑިޑޭޓުން ވާދަ ކުރެއެވެ. މިއަދު ޕީޕީއެމް އަދި ކޮންގްރެސް ޕާޓީ ގުޅިގެން ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، ރާއްޖޭގައި މިއޮތީ ގިނަ ޕާޓީތަކުގެ ނިޒާމެއް އެކުލެވޭ ޑިމޮކްރަސީއެއް ކަމަށާއި އެހެން ކަމުން ސިޔާސީ ޕާޓީ ތަކުން އަންނަ ކެންޑިޑޭޓުން ރައްޔިތުން ފުރުސަތު ދެއްވަން ޖެހޭ ކަމަށެވެ. "ޕާޓީ އިން ނިކުމެވަޑައިގަންނަވާ ބޭފުޅުންނަށް [މަޖިލިސް އިންތިހާބުގައި] ފުރުސަތު ދެއްވަން ވަނީ. އެއީ ޕާޓީ ނިޒާމެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، ޕާޓީން ވަޑައިގަންނަވާ ބޭފުޅުންނަށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވޭނީ،" މީގެ ކުރިން ޑީއާރުޕީ އަދި ޕީޕީއެމްގެ ނައިބު ރައީސް ކަން ކުރެއްވި އަދުރޭ ވިދާޅުވިއެވެ. ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް އަދުރޭ ވިދާޅުވީ، އަމިއްލަ ގޮތުންވެސް އިލްމީ ކެންޑިޑޭޓަކު ހުރެދާނެ ކަމަށާއި ނަމަވެސް އިލްމީ ގޮތުން ގާބިލުވެގެން ރައްޔިތުންގެ މަޖިލިސްގައި ކުރާ މާބޮޑު ކަމެއް ނޯންނަ ކަމަށެވެ. "އިލްމީގޮތުން ގާބިލު ވެގެން ރައްޔިތުންގެ މަޖިލިސްއަށް ވަދެ ކުރާނެ މާ ބޮޑު ކަމެއް ނޯވޭ. ޕީއެޗްޑީ ނަގައިގެން ތިއްބަވާ ބޭފުޅުންނަށް ކުރެވޭ މާބޮޑު ކަމެއް ނޯވޭ،" ތިން ވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ އަށް ވާދަ ކުރައްވާ އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ، ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް މުހިންމީ އިހްލާސްތެރިކަން ކަމަށާއި ރައްޔިތުންގެ ހައްގުގައި މަޖިލިސް މެމްބަރުންނަށް ވާހަކަ ދެއްކޭނީ އިހްލާސްތެރިކަން ހުރެގެން ކަމަށެވެ. އަދުރޭ ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ކުރާ ކަމަށާއި ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުންގައި ސިޔާސީ ޕާޓީތަކުގެ މި ނިޒާމުގައި ރައްޔިތުން އެންމެ ބޮޑަށް ބަލައިގަންނަނީ ޕާޓީ ތަކުން އަންނަ ކެންޑިޑޭޓުން ކަމަށެވެ. އަދުރޭ އަމިއްލަ ކެންޑިޑޭޓުންނާ ގުޅޭގޮތުން އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މިދިޔަ މަސް ތެރޭ އެމްޑީޕީން ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ، އަމިއްލަށް ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ ހައްގުގައި އެއްވެސް ކަމެއް ނުކޮށްދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ