ޝަހީބު ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި

ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ދޫކޮށްލާފައި ވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކަންނެލި ދޯންޏެއްގައި މިދިޔަ މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިިމެނޭ ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކުރާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.
އިދިކޮޅު ޕީއެންސީ ކައުންސިލް މެމްބަރަކަށް ހުރި ޝަހީބްގެ އިތުރުން އިތުރު ބަޔަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ މީހުން އަދިވެސް ތިބީ ބަންދުގަ އެވެ. އެ މައްސަލާގައި ޝަހީބް ހައްޔަރު ކުރުމުން ޕީއެންސީގެ ކައުންސިލް ހަރަކާތްތަކުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ