މާފިލާފުށީގައި ގާއިމްކޮށްފައިވާ 'ދަ ބޭސިކް ސްކޫލް' ރައީސް ސޯލިހު އިފްތިތާހުކޮށްދެއްވައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ސްކޫލް ހުޅުއްވައިދެއްވާފައި ވަނީ މިއަދު މެންދުރު މާފިލާފުށީގެ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފުލާއެއްގައެވެ.
ޓީ.ބީ.އެސް.އަކީ އެމް.އެން.ޑީ.އެފް.ގެ އެޑިއުކޭޝަން ކޮމާންޑްގެ ދެ ބްރާންޗްގެ ތެރެއިން އަސްކަރީ ހުނަރުތަކުގެ ތަމްރީނުތައް ހިންގާ ޓްރެއިނިންގ ބްރާންޗެވެ. މިއީ އަސްކަރިއްޔާގެ އެންމެ އަސާސީ ތަމްރީނާއި، އަސްކަރީ ބޭސިކް ސްކިލްސްގެ ދާއިރާތަކުން މުދައްރިބުން ބިނާކުރުމަށްޓަކައި ހިންގާ ތަމްރީނުތައް ހިންގުމަށް އުފައްދާފައިވާ ޚާއްޞަ ސްކޫލެކެވެ.
އެ ސްކޫލް ހުޅުއްވައިދެއްވުމަށްފަހު ރައީސް ސޯލިހު ވަނީ އެ މަރުކަޒުގެ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ. މި ގޮތުން އެ މަނިކުފާނު ވަނީ އެ ތަނުގެ އެޑްމިން ބްލޮކަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވައިލައްވާފައެވެ. އެޑްމިން ބްލޮކަކީ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރުގެ ފުރަތަމަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ނޮދަރން އޭރިޔާ ހެޑްކުއާޓަރޒް އަދި ހުރިހާ ތަމްރީނުތަކެއްގެ އިދާރީ ހިންގުން ބަލަހައްޓާ މައި އޮފީހެވެ.
ރައީސް ސޯލިހު ވަނީ ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރގެ ކޮމްޕައުންޑަށް ވަޑައިގަންނަވާ، އެ ތަން ބައްލަވައިލައްވާފައެވެ. މި ތަނަކީ އަސާސީ ތަމްރީނު ދިނުމަށް ޚާއްޞަކޮށްގެން އެއްފަހަރާ 190 ދަރިވަރުންނަށް ތަމްރީނު ދެވޭ ގޮތަށް ބިނާކޮށްފައިވާ ތަނެކެވެ. މި ތަނުގައި ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ އަސާސީ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ.
ކޮމްޕޯސިޓް ޓްރެއިނިންގ ސެންޓަރ ބައްލަވައިލެއްވުމަށްފަހު ރައީސް ސޯލިހު ވަނީ އެ ރަށުގައި ހަނދާނީ ރުކެއް ވެސް އިންދަވައިދެއްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ