ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ވެރިކަމުގެ ދައުރު ނިމެންދެން ބަޖެޓު ފޮތުގައި ޖަހައި ރައްޔިތުން އޮޅުވާނުލާނެ ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ރަސްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ ރަސްދޫއަކީ ވަަރަށް މަސައްކަތްތެރި ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށާއި އިގުތިސާދީ ކަންކަމާއި އިޖުތިމާއީ ކަންކަމާއި ސިޔާސީ ކަންކަމުގައި އެކުގައި ނިކުމެ ބަދަލުގެނެވިދާނެކަން ރަސްދޫން ދައްކައިދީފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބު 80 ޕަސެންޓުން ކާމިޔާބު ކުރުމަށް ރަސްދޫ ރައްޔިތުން ބޭނުންވެފައިވާކަން އެރަށުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއިން އެނގޭ ކަމަށެވެ.
ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރައްޔިތުން ބޭނުންވާ ކަންކަން ބޭނުންވާ ގޮތަށް ކޮށްދޭނެ ކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ފެނުނީ ސަރުކާރުން ބޮޑެތި ޚަރަދުތައް ކުރަމުންދިޔައިރުވެސް ރައްޔިތުން ބޭނުންވާ ގޮތް ނުބަލައި ހިތުހުރިހާ ގޮތަކަށް ކަންކަން ކުރި މަންޒަރު ކަމަށެވެ. އިސްރާފު ބޮޑުވެ، ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަންނުދީ، ވަކި ބަޔަކަށް ނަފާ ލިބޭ ގޮތަށް ކަންކަން ކުރި ތަން ކަމަށެވެ.
"އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކުން ރައްޔިތުންނަށް ބޭނުންވާ އޯގާތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދީ ކުދި ރަށްތަކުގައި ވެސް ބޭނުންވާ ކަންކަން ތަފާތުކުރުމެއް ނެތި ކޮށްދީ، ސިއްހީ ނިޒާމު ފުރިހަމައަށް ގާއިމުކޮށްދޭނަން. މިރަށަށް ބެއްޔަސް ފެންނަނީ ހޮސްޕިޓަލުގައި ސްކޭން މެޝިނެއް ހުރިނަމަ އެމެޝިނުން ފެންނަންވާގޮތަށް ސާފުކޮށް ނުފެނި ބަރާބަރަށް މަސައްކަތް ކުރަމުންނުދާ ތަން. އަޅުގަނޑުމެންގެ ސަރުކާރަކުން ރައްޔިތުންނަށްޓަކައި ކުރާ ކޮންމެ ކަމެއް ކުރާނީ ރައްޔިތުން ބޭނުންވާ މަގުސަދު ހާސިލްވާ ގޮތަށް" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އެބޭފުޅުން ވާ ވައުދުތައް ފުއްދާނެ ކަމަށާއި ބޭރުތޮއްޓާއި ނަރުދަމާއާއި ހޮސްޕިޓަލް ތަރައްގީ ކުރާނެ ވާހަކަ ތިން ހަތަރު އަހަރު ވަންދެން ބަޖެޓު ފޮތުގައި ޖަހައި ރައްޔިތުން އޮޅުވާނުލާނެ ކަމަށެވެ.
މީގެ އިތުރަށް ސްކޫލް ތެރެ ސިޔާސީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ލިބޭކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި ސްކޫލްތަކުގައި އޮންނާނީ ޓީޗަރުންނަށް ހަމަޖެހިލައިގެން ކިޔަވައިދެވޭނެ އަދި އެގޮތުގެ މަތިން ދަރިވަރުންނަށް ކިޔެވޭނެ މާހައުލެއް ކަމަށެވެ.
ހައްޖަށް ދިއުމަށް ފައިސާ ދައްކައި އެންމެ ފަހުގެ ތައްޔާރީތައް ވެ، ފުރޭނެގޮތް ނުވެ ދިވެހި ހައްޖުވެރިންތަކެއް ތިބުމުން އެކަމާ ވެސް ފައިސަލް ވަނި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފައިސަލް ވިދާޅުވީ ދިވެހި އެތައް ރައްޔިތަކު ފައިސާ ދައްކައި ހައްޖަށް ފުރަން ތައްޔާރުވެ، ހައްޖަށް ނުދެވި ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެބޭފުޅުންގެ ސަރުކާރެއްގައި އިސްލާމިކް މިނިސްޓްރީ ތެރެއަށް އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް ވަނަނުދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ހައްޖު ކޯޕަރޭޝަން އިސްލާހުކޮށް، އެކުންފުންޏަށް ލިބޭ ހައްޖުކޯޓާ ވަކި ބަޔަކަށް ބައިއެޅުން ނިމުމަކަށް ގެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަރިއަތޮޅު އުތުރުބުރިއަށް ފައިސަލް ކުރައްވާ ދަތުރުފުޅުގައި ރަށްރަށުން ވަނީ ވަަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ފައިސަލް މިހާރު ހުންނެވީ ތޮއްޑޫގައެވެ. ތޮއްޑޫގައި ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޚާއްސަ ޖަލްސާއެއް މިރޭ އޮންނާނެއެވެ.
ދައުރު ނިމެންދެން ބަޖެޓު ފޮތުގައި ޖަހައި ރައްޔިތުން އޮޅުވައިނުލާނަން: ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ