ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި މަހު 31ގައި ބާއްވަނީ

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2025 (ޑީއެމްޖީސީ) މިމަހުގެ 31ގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ދިރާގުން ބުނީ، ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ގޮތުގައި ބެލެވޭ މި މުބާރާތް އޮންނާނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކަމަށެވެ. އެ ޗެމްޕިއަންޝިޕްގައި، ފޯ-ގޭމް ފޯމެޓްގެ އެހީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގޭމިންއަށް ޝައުގުވެރިވާ މީހުން އެއްތަނަކަށް ގެނެސް، ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ޑީއެމްޖީސީގައި "ޕަބްޖީ"، "މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް"ގެ އިތުރުން މި ފަހަރު އަލަށް، "ރޮކެޓް ލީގް" އާއި "އެފްސީ 25" ވަނީ ހިމަނައިފައެވެ. އެ ޗެމްޕިއަންޝިޕްގައި ކޮންމެ ގޭމަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުބާރާތްތައް ކުރިއަށް ދާނެއެވެ. މި ގޮތުން، "ޕަބްޖީ މޯބައިލް ކޮލިފައިން"ގެ އެންމެ ގަދަ 16ގެ ގަދަ ހިފުމެއް ފެންނާނެއެވެ. އަދި، މޯބައިލް ލެޖެންޑްސްގެ ވެސް އެންމެ ގަދަ ހަތް ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކުޅުންތެރިންނަށް "ރޮކެޓް ލީގު"ގެ 2V2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބި، އެފްސީ 25ގައި ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެއެވެ. ދިރާގުން ބުނީ ޑީޖީޖީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށާއި ރާއްޖޭގައި ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެ މުބާރާތަކީ ދިރާގުން ދިވެހި ގޭމިން އާ އުސްމިންތަކަކަށް އުފުލުމަށް ކުރަމުންދާ މަސައްކަތްތަކުން ހާސިލުކޮށްފައިވާ އިތުރު ކާމިޔާބީއެއް ކަމަށް އެ ކުންފުނިން ސިފަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ