އޭއެފްސީ ޗެލެންޖް ކަޕުގައި މިޔަންމާ އާއި ރާއްޖެ ކުޅޭ ފުރަތަމަ މެޗު ޝަރަފުވެރި މެހެމާނަކަށް ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް ހަމަޖައްސަވައި، މުބާރާތުގައި ގިރިގިސްތާން ދެކޮޅަށް ރާއްޖެ ކުޅޭ ދެ ވަނަ މެޗު ޝަރަފުވެރި މެހެމާނަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަވަައިފި އެވެ.
މުބާރާތުގެ މެޗުތައް ޝަރަފްވެރިކޮށްދެއްވާނެ ބޭފުޅުންގެ ނަންތައް އިއުލާންކުރީ މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވެމެއްގައި ގައުމީ ޓީމުގެ މެނޭޖަރު މަހްލޫފެވެ.
މި މަހު 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ ޗެލެންޖް ކަޕުގެ ޝަރަފުވެރި މެހެމާނުން ކަނޑައަޅާފައި ވަނީ އެފްއޭއެމް އިން ނެގި ހާއްސަ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ހިމެނެނީ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަހްމަދު މަހްލޫފް، ޑިރެކްޓަރ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒޭން، ހެޑް އޮފް ގްރާސް ރޫޓް އެންޑް ވައިޑީޕީ މުހައްމަދު ޝާޒްލީ، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް އިޒްހާން އަދި މުހައްމަދު ނާސިރު (ނާބެ) އެވެ.
މުބާރާތުގެ މެޗުތައް ޝަރަފްވެރިކޮށްދޭ ބޭފުޅުންގެ ތެރޭގައި ކުރީގެ ތިން ރައީސުންނާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ހިމެނިވަޑައިގަންނަވަ އެވެ.ޗެލެންޖު ކަޕުގައި މެޗުތައް ޝަރަފުވެރިކޮށްދެއްވާ ބޭފުޅުން-- ސަން ފޮޓޯ
މުބާރާތް ފަށާ މެޗެއްގެ ގޮތުން ކުޅެވޭ ރާއްޖެ އާއި މިޔަންމާގެ މެޗުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. ކިރްގިސްތާނާއި ރާއްޖެ ކުޅޭ މެޗުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަމަޖެއްސި އިރު، ރާއްޖެ އާއި ފަލަސްތީނު ބައްދަލުކުރާ މެޗުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ހަމަޖެއްސީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އެވެ. އޭގެ އިތުރުން މާލޭގައި ތުރުކުމެނިސްތާނާއި ފިލިޕީންސް ކުޅޭ މެޗުގެ ޝަރަފްވެރި ކޮށްދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ޝަރަފުވެރި ކޮށްދެއްވާ އިރު، ދެވަނަ ސެމީ ފައިނަލުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހަމަޖެއްސީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އެވެ. ތިންވަނަ ހޮވާ މެޗުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ހަމަޖެއްސީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިނެވެ.
މުބާރާތުގެ ފައިނަލު މެޗު ޝަރަފުވެރި ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ރައީސް ޝެއިހް ސަލްމާން ބިން އަލް ހަލީފާ އެވެ.
މުބާރާތުގެ މެޗުތައް ޝަރަފްވެރިކޮށްދެއްވާ ބޭފުޅުންނަށް މާދަމާ އިން ފެށިގެން ދައުވަތު އެރުވާ އިރު، އެފްއޭއެމް އިން ވަނީ އެބޭފުޅުންގެ ފަރާތްޕުޅުން މިކަމަށް އެއްބާރުލެއްވުން ދެއްވުމުން ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.
އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ބާއްދަލުކުރާ ދެ ޓީމަކީ ރާއްޖެ އާއި މިޔަންމާ އެވެ. އަދި އެދުވަހުގެ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ފަލަސްތީނާއި ކިޒްކިސްތާނެވެ. މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނިކުންނާނީ، ކިޒްގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހު 23 ވަނަ ދުވަހުގެ ރޭ 9:00 ޖަހާއިރު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
ރާއްޖެ ކުޅޭ ފުރަތަމަ މެޗު ޝަރަފްވެރިކޮށްދެއްވަނީ މައުމޫން، ދެ ވަނަ މެޗު ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ