ވިލުފުށި ރައްޔިތުން ބެޑްޝީޓް އަޅައިގެން މަގުމަތީގައި ނިދާލެވޭނެ - ރިޔާޒް

ތ.ވިލުފުށި ރައްޔިތުން މިއަދު ކޮންމެހެން ގޭގައި ނިދަން ތިބެން ނުޖެހޭނެ ކަމަށާއި ވިލުފުށި ރައްޔިތުން ބެޑްޝީޓް އަޅައިގެން މަގުމަތީގައި ނިދާލެވޭނެ ކަމަށް އެދާއިރާގެ މެންބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާޒް ރަޝީދު މިހެން ވިދާޅުވެފައިވަނީ ވިލުފުށީގެ ތަރައްގީއަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް ވިލުފުށީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެކައުންސިލަރުންގެ ތެރެއިން ވިލުފުށި ކައުންސިލްގެ ރައީސް ހުސައިން ޖަބީން އާއި ކައުންސިލް މެންބަރު އިބްރާހިމް ޝާފިއު ވާހަކަ ދައްކަވާފައިވަނިކޮށެވެ.
ޖަބީން އާއި އިބްރާހިމް ޝާފިއުގެ ވާހަކަތަކަށް ރައްދު ދެއްވާ ރިޔާޒް ރަޝީދު މިއަދު ވިދާޅުވީ ބެޑްޝީޓެއް އަޅާލައިގެން ގޭދޮރުމަތީގައި މީހުންނަށް ނިދޭ ފެންވަރަށް މަގުމަތީ ތާރުއަޅައި، މަގުތައް ހަދަމުން އަންނަ ކަމަށެވެ.
"ވިލުފުށީ ރައްޔިތުން މިހާރު ކޮންމެހެން ގޭގައި ނިދަން ތިބޭކަށް ނުޖެހޭނެ، ރޭގަނޑު ގަޑީގައި ނިދާލަން ބެޑްޝީޓެއް އަޅައިގެން ބޯ ދަށަށް ބާލީހެއް ލައިގެން ނިދާލެވޭ ފެންވަރަށް ވިލުފުށީ ތަރައްގީ ކޮށްފައި އެވަނީ." ރިޔާޒް ރަޝީދު ވިދާޅުވިއެވެ.
ރިޔާޒް ރަޝީދު މިހެން ވިދާޅުވިއިރު، ވިލުފުށީގެ މަގުތަކުގައި ތާރު އެޅުމަށް ސަރުކާރުން ކުރަމުން އަންނަ ބޮޑު މަޝްރޫއުގެ ދަށުން ބައެއް މަގުތަކުގައި ތާރު އަޅައި ވަނީ ނިންމާލާފައެވެ.
ވިލުފުށީގައި ފުޓްސަލް ދަނޑެއް ހުޅުވައި އެކަމުގެ އުފަލުގައި ހަވާ އަރުވާފައިވާތީ އެމްޑީޕީއަށް އެކަންވީ ތަހަންމަލު ކުރަން އުނދަގޫ ކަމަކަށް ކަމަށާއި ވިލުފުށީގައި މަޝްރޫއެއް ނިމޭހާ އަވަހަށް އަނެއްކާ ވެސް ހަވާ އަރުވާނެ ކަމަށް ރިޔާޒް ރަޝީދު ވިދާޅުވިއެވެ.
ވިލުފުށީގައި އެމްޑީޕީއަށް ތާއީދު ގެއްލެމުންދާ ކަމަށާއި މަގުމައްޗަށް ގޮވާލި ނަމަވެސް އެމްޑީޕީއަށް 10 މީހުން ވެސް އެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް މި ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއަދު ރައްޔިތުން ގަބޫލުކުރޭ ސަރުކާރުން ވިލުފުއްޓަށް ގެނެސްދީފައިވާ ކުރިއެރުމާއި ތަރައްގީ، އިރާދަކުރެއްވިއްޔާ މި ސަރުކާރު ނުވެއްޓޭނެ." ރިޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ