ކްރިމިނަލް ކޯޓުން އަމުރުކުރުމުން ޑރ. ޖަމީލް ދޫކޮށްލައިފި

ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފުލުހުން ބަންދު ކޮށްފައިވަނީ ގާނޫނީ އަސާސީއާ ހިލާފަށް ކަމަށް ކަނޑަ އަޅައި އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން މިރޭ އަމުރު ކުރުމުން ޑރ. ޖަމީލު މިނިވަން ކޮށް ދޫކޮށްލައިފި އެވެ.މިރޭ ޑރ. ޖަމީލު ދޫކޮށްލުމުން ކޯޓުގެ ބޭރުގައި ހުންނަވާ ޑރ. ޖަމީލު ވިދާޅުވީ ގާނޫނު އަސާސީގައި ބުނެފައިވާ ހަނުހުރުމުގެ ހައްގު ނިގުޅައިގަނެ ގާނުނޫތައް މުގުރާލާފައިވާކަން މިރޭ ކޯޓުންކުރި އަމުރުން ސާބިތުވެފައިވާ ކަމަށެވެ.ޖަމީލް ވިދާޅުވީ ފުލުހުންގެ ތެރެއިން ވަކި ބަޔަކު ފުލުހުންގެ މުއައްސަސާ ނަހަމަ ގޮތުގައި ބޭނުންކޮށް ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ނ) ގައި ބުނާ ހަނު ހުރުމުގެ ހައްގުން އޭނާ މަހުރޫމް ކުރެއްވުމަށް ފަހު ބަންދުކުރެއްވީ ކަމަށެވެ."ގާނުނު އަސާސީގައި ހަނުހުރުމުގެ ހައްގު ދީފައި ވީނަމަވެސް ފުލުހުން އަޅުގަނޑު ހައްޔަރުކޮށްފައި ބުނަނީ ސުވާލު ކުރާނަމޭ. ހަނަކު ނުހުރެވޭނޭ. ތަހުގީގު ކުރިއަށް ގެންދާނަމޭ. މިއަދުގެ ޝަރީއަތުގެ މަޖިލިހުން އެ ނިންމީ އެކަން އެގޮތަށް ނުކުރޭވެނެކަން،" ޖަމީލް ވިދާޅުވި އެވެ.ޖަމީލް ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލާއި އިސްލާމް ދީނާއި އިގްތިސާދު ސަލާމަތްކުރަން ވާހަކަ ދައްކާ ކޮންމެ ފަހަރަކު ދުލުގައި އަތްއަޅާ ކަންކަށިމަތީގައި ވީއްލައިލުމަކީ ފުލުހުންނަށް ދެން ކުރެވޭނެކަމެއް ނޫންކަން މިއަދު ކޯޓުން ނެރުނު އަމުރާ ގުޅިގެން އިތުރަށް ސާބިތުވެގެން ހިނގައްޖެ ކަމަށެވެ."މިއަދުގެ ޝަރީއަތުގެ މަޖިލިހުން އެނިންމީ ގަނޫނު އަސާސީގެ 27 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނު އަސާސީގެ 66 މާއްދާއްގެ ދަށުން މިހާރުގެ ގާނުނޫލް އުގޫބާތުގެ 125 ވަނަ މާއްދާ އިން އަޅުގަނޑު ބަންދުކުރި މާއްދާއަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި ފުށުއަރާ މާއްދާއެއްކަމަށް ކޯޓުން އެވަނީ ނިންމާފައި،" އޭނާ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި މިއަދު ނަސީބުވި އެންމެ ރައްކާތެރި މުއައްސަސާއަކީ އަދުލުއިންސާފް ގާއިމްކުރުމުގެ މުއައްސަސާ ކަމަށެވެ.ޖަމީލް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކުރިއަމުރުގައި ބުނެފައިވަނީ ޖަމީލު ދެ ފަހަރުވެސް ހައްޔަރު ކޮށްފައިނީ އެއް ކުށެއްގެ ތުހުމަތުގައި ކަމަށާއި ދެފަހަރު ޖަމީލު ހައްޔަރުކުރި އިރު ވެސް ހުށަހަޅާފައިވަނީ އެއް ހެކިތަކެއް ކަމަށެވެ.ޖަމީލުއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި މީހެއްކަމަށް ފުލުހުން ބުނާއިރު އެކަން ފުލުހުންނަށް އެކަން ސާބިތުކޮށްދެވިފައި ނުވާކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ. "ހެބިއަސް ކޯޕަސްގެ" އަމުރެއްގެ ދަށުން މީހަކު ދޫކޮށްފައިވަނިކޮށް ހަމައެކުށުގެ ތުހުމަތުގައި ދެވަނަ ފަހަރަށް މީހަކު ހައްޔަރު ކުރާނަމަ ކޯޓް އަމުރެއްގެ ދަށުން ނޫނީ އެއްވެސް މީހަކު ހައްޔަރު ނުކުރެވޭނެ ކަމަށްވެސް ހުކުމްގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ