ގާނޫނު އަސާސީ އާއި ހިލާފު ނުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ނެރެފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ނެރެފައިވަނީ އދ ގެ އިންސާނީ ހައްްޤުތަކާ ބެހޭ ހައިކޮމިޝަނަށް ފޮނުވުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން އުކުލަވާލި ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ރިޕޯޓަކާ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްނެގުމުގެ މަތިން އެ ކޯޓުގައި އެޗްއާރުސީއެމްއާ ދެކޮޅަށް ހިންގަމުން އަންނަ ސުއޯމޮޓޯ މައްސަލައިގެ އަޑުއެހުމުގައިއެވެ.
މި މައްސަލައިގައި ހުކުމް އިއްވަމުން ސުޕްރީމް ކޯޓުން ވަނީ އެޗްއާރުސީއެމް އިން އަމަލު ކުރަންޖެހޭނެ 11 ކަމެއް ކަނޑައަޅައި ގައިޑްލައިނެއްވެސް ވަނީ ނެރެފައެވެ. މި ގައިޑްލައިނުގައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލަށް އެއްވެސް އުނިކަމެއް އަންނާނެ ފަދަ ކަމެއް ނުކުރުމަށް އެޗްއާރުސީއެމްގެ މައްޗަށް އަމުރުކޮށްފައެވެ.
ގައިޑްލައިންގައި ވާ ގޮތުން، އިސްލާމީ ރިވެތި އަހުލާގާއި ރާއްޖޭގެ އާދަކާދަ އަށް ބުރޫ އަރާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ ކަމެއް ނުހިނގާކަން ކަށަވަރު ކުރުމަކީ ވެސް އެޗްއާރުސީއެމުން ކުރަންޖެހޭ ކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
އަދި ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތެއް ކުރަން ޖެހިއްޖެ ނަމަ ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށްގެން އެ މަސައްކަތް ކުރުމަށްވެސް އެޗްއާރުސީއެމްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ އެޗްއާރުސީއެމް ތައްޔާރު ކުރި ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށާއި، އަދި އެޗްއާރުސީއެމް އިން ރިޕޯޓުގައި މައުލޫމާތު ހިމަނާފައި ވަނީ ގަސްދުގައި ޤާނޫނު އަސާސީއާއި ޖުޑީޝަރީގެ ބާރު ކަނޑުވައިލުމަށް ކަމަށެވެ.
އެގޮތުން ރިޕޯޓުގައި ހިމަނާފައިވާ ވާހަކަ ތަކަކީ ރަސްމީ އިދާރާއަކުން މައުލޫމާތު ނުދިނުމުން ހިމަނާފައިވާ ވާހަކަތަކެއް ކަމަށް އެޗްއާރުސީއެމްގެ މެމްބަރުން ކޯޓުގައި ވިދާޅުވި ނަމަވެސް އެކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ހުކުމްގައި ވެއެވެ.
އަދި އެޗްއާރުސީއެމް އިން މި ރިޕޯޓު އެކުލަވާލާފައި ވަނީ ވަކި އަތަކަށް ބުރަވެ ތިބެ، މެމްބަރުންގެ ކްރެޑިބިލިޓީ ގެއްލޭ ގޮތަށް ކަމަށްވެސް ހުކުމްގައި ވެއެވެ. އެގޮތުން ޖިނާއީ ބޮޑެތި ކުށްތަކާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތަކުގެ އަމަލުތަކާ މެދު އެޗްއާރުސީއެމުން ޣާފިލުވެފައިވާ ކަމަށްވެސް މިއަދު ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރާއްޖޭގައި ހިނގާ ޝަރީއަތްތައް ހިނގަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށާއި، ޖުޑިޝަރީން އަމަލުކުރާ އުސޫލުތަކާ ބެހި، އެ ދާއިރާގެ އިހްތިސާސްގެ ތެރެއަށް ވަނުމަކީ އެޗްއާރުސީއެމްގެ ބާރުގެ ތެރޭގައި އޮންނަ ކަމެއް ނޫން ކަމަށެވެ.
އެޗްއާރުސީއެމާ ދެކޮޅަށް ހިންގި ސުމޯޓޯ މައްސަލަ ނިންމާފައި ވާއިރު އެ ކޮމިޝަންގެ ބައެއް މެމްބަރުންގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް އާ މެމްބަރުން އައްޔަންކުރަން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާފައެވެ.
އެންމެ ފުރަތަމަ ސުމޯޓޯ މައްސަލައެއް ހިންގާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ދެކޮޅަށެވެ. އެ މައްސަލައިގައި އެ ކޮމިޝަންގެ ބައެއް މެންބަރުން މަގާމުން ވަކިކޮށްފައިވެއެވެ.
ގާނޫނު އަސާސީ އާއި ހިލާފު ނުވުމަށް އެޗްއާރުސީއެމްގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ