މިއަހަރު ވެސް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ޚާއްސަ އިނާމު ދިނުމަށް ނިންމައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު 24 ބޭފުޅަކަށް ދިނުމަށް ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވަނީ 2 ބޭފުޅުންނެވެ.މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ 19 ބޭފުޅަކު ހޯއްދަވާއިރު، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 3 ބޭފުޅުންނެވެ.މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި މި ޖުލައި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެރޭ 9 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ސަރުކާރުން ދެއްވާ ބައެއް ޚާއްޞަ މެޑެލްވެސް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ.އެގޮތުން މެޑެލް ދެއްވާނީ ކީރިތި ޤުރްއާން ހިތުދަސް ކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލުކުރެއްވި 7 ބޭފުޅަކަށާއި، 2017 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، 2017 އަދި 2018 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި ދަރިވަރުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ