ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރިތާ ހަ ގަޑިއިރުވީ އިރު ވެސް އެމަނިކުފާނުގެ ޝަރީއަތް ފަށާފައިނުވާތީ އާއިލާ އާއި ވަކީލުން ކަންބޮޑުވެއްޖެ އެވެ.
ރައީސް މައުމޫންގެ ވަކީލް އިބްރާހިމް ފައިސަލް ވިދާޅުވީ ރައީސް މައުމޫންގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ 3:30 އަށް ކަމަށާއި ނަމަވެސް އަދިވެސް އަޑުއެހުން ނުފަށާ ކަމަށެވެ. އެއީ ބޮޑު ވަރު ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭގެއިތުރުން އިދިކޮޅަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވެސް ދަނީ އެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އުމުރުފުޅުން 80 އަހަރުވެފައިވާ ރައީސް މައުމޫން ކޯޓުގައި އިންނަވާތާ ހަ ގަޑިއިރުވެފައިވާއިރު އެމަނިކުފާނު މިހާރު ކޯޓަށް ހާޒިރުކޮށްފައިވަނީ ޝަރީއަތުގެ އަޑުއެހުމަކަށް ކަމެއް ނުވަތަ ބަންދު މަޖިލީހަކަށް ކަމެއް ސާފެއް ނުވެ އެވެ.
އެމަނިކުފާނުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ. އޭގެއިތުރުން އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެ ދައުވާ ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އަންނަ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނެ އެވެ. އޭގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ބަންދު ދަނީ އިތުކުރަމުންނެވެ.
އެގޮތުން ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފަ އެވެ. އޭގެއިތުރުން މަޖިލިސް މެންބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި އަހުމަދު މަހުލޫފާއި އަލީ އާޒިމާއި އިބްރާހިމް މުހައްމަދު ސޯލިހުގެ ބަންދު މީގެކުރިން ވަނީ އިތުރުކޮށްފަ އެވެ. މިއަދު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދު މަޖިލިސް އޮންނާނެކަން ވެސް ވަނީ އަންގާފަ އެވެ.
މައުމޫން ކޯޓަށް ވެއްދިތާ ހަ ގަޑިއިރު، ޝަރީއަތް ލަަސްވާތީ ކަންބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ