މާޒީ އަށް ބަލާފައި ވޯޓްލާ ނަމަ، ވޯޓުލާނީ އަޅުގަނޑަށް: ގާސިމް

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓްލާ އިރު ކެންޑިޑޭޓުންގެ މާޒީ އަށް ބަލައިގެން ރައްޔިތުން ވޯޓްލާ ނަމަ ވޯޓުލާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހިމަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މާލެ ވިލިނގިލީގައި ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ވޯޓްލާ އިރު މާޒީގައި ކަންކަން ހިނގާފައިވާ ގޮތާ ދޭތެރޭ ވިސްނާލަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު މިދަންނަވަނީ ވަރަށް ސާފުކޮށް، ތިޔަބޭފުޅުން ވޯޓްލާ އިރު ވިސްނާ ވަޑައިގަންނަވާށޭ މާޒީގައި ކަން ހިނގާފައި ހުރި ގޮތް، އާދެ ޓްރެކް ރެކޯޑްގެ ވާހަކަ މިމީހުން އެބަ ދައްކާ، ދައްކާ ކަމަށް ވަންޏާ ބަލައިލަން އޮތީ މުސްތަގުބަލަށް ޓަކައި ރައްޔިތުންނަށް ކަންތައްތަކެއް، ހިދުމަތްތަކެއް ކޮށްދޭން ވާހަކަ ދައްކާ ބޭފުޅަކު، އެއީ ކޮންމެ މީހެއް ކަމަށް ވިޔަސް، މާޒީގެ، އިއްޔެއާ އިހަށް ދުވަހުގެ އޭގެ ކުރީ އަހަރުތަކުގައި މަސްތަކުގައި ކަންތައް ކޮށްފައި ހުރީ ކިހިނެތްތޯ، އެގޮތަށް ބައްލަވައިފިއްޔާ އަޅުގަނޑު ދަންނަވާނީ ހަމަ ގައިމު ވެސް އެހެން ބޭފުޅަކަށް ވޯޓެއް ނުދޭނޭ،" ރޭގެ ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
ގާސިމް އަދި ވިދާޅުވީ ދައުލަތަށް ހަރަދު ކުޑަކުރުމަށާއި ރައްޔިތުންގެ ދިރިއުޅުން ތަރައްގީކޮށް އަމާން އޮމާން ދުވަސްތަކެއް ބޭނުންވާ ކަމަށް ވަންޏާ އޭނާ އަށް ވޯޓް ދޭނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީ އާއި އެޕާޓީއާ ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ އިސްވެރިން ބައިވެރިވެޑައިގެންނެވި އެވެ. އަދި ޖުމްހޫރީ ގުޅުމަށް ތާއީދުކުރާ ބަޔަކު ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ