ކުރީގެ ރައީިސް މައުމޫން އަބުދުލްގައްޔޫމް ޑޮކްޓަރަށް ދެއްކެވުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލަށް ގެނެސްފި އެވެ.
ރައީސް މައުމޫން ޑޮޮކްޓަރަށް ދެއްކެވުމަށް އޭޑީކޭއަށް ގެނައިކަން އާއިލާއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ވިދާޅުވި މީގެ ކުރިން ވިދާޅުވީ، ޑޮކްޓަރުން ވަނީ ރައީސް މައުމޫން ވެއްޓިވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ އެކަހެރިނުވުމަށް ވެސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅެއް ނޫނެވެ. މިދިޔަ ހަފްތާ ތެރޭގައި އެމަނިކުފާނުގެ ހާޅުކޮޅު ވަރަށް ބޮޑަށް ގޯސްވި ކަމުގެ ހަބަރު ލިބިފައިވާއިރު އެމަނިކުފާނަށް އެހީތެރިވުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވަނީ ވަރަށް ގިނައިން ޖަލަށް ވެސް ވަޑައިގެންފަ އެވެ.
ރައީސް މައުމޫންގެ ސިއްްހީ ހާލުކޮޅު ގޯސްވެ މިދިޔަ ހަފްތާގައި ކުރިމިނަލް ކޯޓުގައި ތައާވަލްކުރި ހުރިހާ ޝަރީއަތުގެ އަޑުއެހުމެއް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ، ކަންފަތުގެ މައްސަލައަކުން ކުރިމަތިވާ ބައްޔެއް ކަމަށްވާ، ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ގެ ސަބަބުން ބައްޕާފުޅަށް ދޭތެރެއިން ބޮލަށް އެނބުރުން އަރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަނބުރައި ގަނެ ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި އެ ބަލީގެ އަލާމާތްތައް އިތުރަށް ބޮޑުވަމުން އަންނަ ކަމަށެވެ. އަދި އެ ކަންކަމަށް ރިއާޔަތް ކޮށް ބައްޕާފުޅުވެސް އަދި މަންމާފުޅު، ނަސްރީނާ އިބްރާހިމް ވެސް މައުމޫންގެ ބަންދަށް ލުޔެއް ދިނުމަށް އެޗްއާރުސީއެމް އާއި ކަރެކްޝަންފައި އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ ގޮތުން އެއްވެސް އިދާރާއަކުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ކޯޓްގައި ވެސް މައުމޫން ވަނީ އެކިފަހަރު މަތިން ގެއަށް ބަދަލުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް ކޯޓުން ބުނެފައި ވަނީ މައުމޫންގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ.
ރައީސް މައުމޫން އޭޑިކޭއަށް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ