އޮސްޓްރޭލިއާގައި ޔުނިވަސިޓީ ޕްރޮފެސަރުންނަށް ދޭ އެންމެ މަތީ އެއް ޝަރަފު އަބްދުﷲ ސައީދަށް އަރުވައިފި

އޮސްޓްރޭލިއާގައި ޔުނިވަސިޓީ ޕްރޮފެސަރުންނަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑްކަމުގައިވާ "ފެލޯ އޮފް އޮސްޓްރޭލިއަން އެކަޑަމީ އޮފް ދަ ހިއުމަން ސައިންސް" އެވޯޑް އައްޑު އަތޮޅު ފޭދޫ ދިއްގާގަސްދޮށުގޭ ޕްރޮފެސަރު އަބްދުﷲ ސައީދަށް ލިބިވަޑައިގެންފި އެވެ.ޕްރޮފެސަރު އަބްދުﷲ ސައީދަށް ލިބިވަޑައިގެންނެވި މި އެވޯޑަކީ އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގައި ހިމެނޭ އެކަޑަމީ އޮފް ދަ ހިއުމަނިޓީސް އިން "އިންސާނީ އިލްމް"ގެ ދާއިރާ އިން ކިޔަވައިދެއްވާ ޕްރޮފެސަރުންނަށް ދޭ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޝަރަފެކެވެ.އޮސްޓްރޭލިއާގެ މެލްބަން ޔުނިވާސިޓީން އިސްލާމިކް ސްޓަޑީސްގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރެއްވުމަށް ފަހު ޕްރޮފެސާ ސައީދު ގެންދަވަނީ އަރަބް އެންޑް އިސްލާމިކް ސްޓަޑީސްގެ ރޮނގުން އެ ޔުނިވާސިޓީގައި ކިޔަވައިދެއްވަމުންނެވެ.މިއަހަރު އެ އެކަޑަމީގެ ފެލޯސް ގޮތުގައި ހޮވިވަޑައިގެންނެވި 24 އިލްމްވެރިންގެ ތެރޭގައި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޕްރޮފެސަރު ސައީދު ހޮވިވަޑައިގަންފައި ވަނީ އިސްލާމް ދީނާ ގުޅުން ހުރި މިހާރުގެ އެކި މައުޟޫތަކަށް އޭނާ ލިޔުއްވާފައިވާ ފޮތްތަކާއި އެ ރޮނގުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ބެލުމަށް ފަހު ކަމަށް އެކަޑަމީ އޮފް ހިއުމަނިޓީސް އިން ބުނެފައިވެ އެވެ.އެގޮތުން ޕްރޮފެސާ ސައީދުގެ އަގުހުރި މަސައްކަތްތަކުގެ ގޮތުގައި ގުރުއާނާ ގުޅޭ ގޮތުން އޭނާ ލިޔުއްވާފައިވާ "ދަ-ގުރުއާން- އެން އިންޓްރޮޑަކްޝަން (2008)" އާއި "އިސްލާމިކް ތޯޓް- އޭން އިންޓްރޮޑަކްޝަން (2006)"ގެ އިތުރަށް މިހާރު އެންމެ ބޮޑަށް ބަހުސްކުރެވޭ މައުޟޫތައް ކަމުގައިވާ ރިބާ އާއި އިސްލާމިކް ބޭންކިން އާ ގުޅޭ ގޮތުން ކުރައްވާފައިވާ މަސައްކަތްތައް އެ އެކަޑަމީން ފާހަގަކޮށްފައިވެ އެވެ.އެ އެކަޑަމީން ބުނެފައިވާ ގޮތުގައި، ޕްރޮފެސަރު ސައީދަކީ މިއަދު އޮސްޓްރޭލިއާގެ އިސްލާމީ އެފެއާޒާ ގުޅޭ މައްސަލަތަކުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްސިއްޔަތެވެ.އޮސްޓްރޭލިއަން އެކަޑަމީ އޮފް ދަ ހިއުމަން ސައިންސް އަކީ، އިންސާނީ އިލްމްގެ ދާއިރާއިން އިތުރު ރިސާޗްކޮށް، ކުރިއެރުން ހޯދުމުގެ ގޮތުން މަސައްކަތްކުރާ އަމިއްލަ އިންސްޓިޓިއުޝަނެކެވެ. ޕްރޮފެސަރުންގެ ރިސާޗް މަސައްކަތަށް ފަންޑުކުރާ އެ އެކަޑަމީގައި މިހާރު ވެސް 500 އަށް ވުރެ ގިނަ އިލްމްވެރިން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ