ޖަމީލް އާއި އުމަރު އެއްބަސްވެފައި ނެތް ކަމެއް އައްޑޫ މަރުކަޒާ ގުޅިފައެއް ނެތް: ޝާހިދު

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ހިތަދޫގައި އިމާރާތް ކުރަމުން އަންނަ ފުލުހުންގެ ތަމްރީނުގެ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، އަދި އެއާ ގުޅޭ ކަންކަން ނިންމެވި ކުރީގެ ދެ ހޯމް މިނިސްޓަރުން ކަމަށްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އުމަރު ނަސީރު އެއްބަސްވެވަޑައިގެންފައި ނުވާ ކަމެއް މި ސަރުކާރުން ކޮށްފައި ނެތް ކަމަށް ވިދާޅުވެ، އުމަރުގެ ވާހަކަތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ޖަވާބު ދެއްވައިފި އެވެ.
ދ. ވާނީގައި އިންޑިއާގެ ސަރުކާރުން އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ދެ ވަނަ ފިޔަވަހީގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު އިއްޔެ ވަނީ އިންޑިއާގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހަދަމުން އަންނަ އައްޑޫ ޕޮލިސް އެކަޑެމީގެ ބޭނުމަކީ އެ ގައުމުގެ ސިފައިން އައްޑޫގައި ބޭތިއްބުން ކަމަށް ބުނެ އިދިކޮޅުން ވާހަކަ ދެއްކިޔަސް އެ އެކަޑެމީ ގާއިމުކުރުމުގެ މޭސްތިރިންނަކީ ޖަމީލާއި އުމަރު ކަމަށް ވިދާޅުވެފަ އެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރު ޖަމީލެވެ. އެއީ ސެޕްޓެމްބަރު 29، 2012 ގަ އެވެ.
Addu gai Police academy alhaathee Shahid ge shukuru Dr. jameel aai Umar ah
Mihaaru
ޕޮލިސް އެކަޑެމީ ފުރަތަމަ ހަދަން ނިންމާފައި އޮތީ ޝާހިދު ވިދާޅުވި ގޮތުގައި ޅ. ދިއްފުށިމާދޫގަ އެވެ. ނަމަވެސް ފަހުން ލ. އަތޮޅަށް އަދި ތިންވަނަ އަށް އެ މަޝްރޫއު ބަދަލުކުރީ އައްޑު ކަމަށް އޭނާ ވިދާޅުވި އެވެ. ޕޮލިސް އެކަޑެމީގެ މަޝްރޫއު އައްޑު އަށް ބަދަލުކުރަން ނިންމިއިރު މަޝްވަރާގައި އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ކަމަށް ވެސް ޝާހިދު އިއްޔެ ވިދާޅުވި އެވެ. އެހެންވެ، އޭނާ ވަނީ އެ ދެ ބޭފުޅުންގެ މަސައްކަތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވައިފަ އެވެ.
އެމްއޯޔޫ އަށް ބަދަލެއް ގެނެސްފައެއް ނުވާނެ
ޝާހިދުގެ "ޚާއްސަ ޝުކުރެއް" ޖަމީލާއި އުމަރަށް ފޮނުވައިލެއްވި ނަމަވެސް އޭގެ ބޭނުމަކީ ބެލެވޭ ގޮތުގައި ޕޮލިސް އެކަޑެމީގެ ފެށުމާއި ކުރީގެ ދެ ސަރުކާރާ އޮތް ގުޅުން ހާމަކުރެއްވުމުގެ އުކުޅެކެވެ. އެހެންވެ، އުމަރު ވެސް ސިޔާސީ ގޮތުން ހޫނު ރައްދެއް ފޭސްބުކްގައި ވަގުތުން ދެއްވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި، އައްޑު އަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށް ވެފައި، ވަޒީފާގެ ފުރުސަތުތައް މަދުކަމުން އިތުރު ފުރުސަތުތައް ހޯދައި ދިނުމަށް ފުލުހުންގެ ތަމްރީނު މަރުކަޒެއް ގާއިމު ކުރަން ނިންމެވީ އޭނާ އެވެ. އޭގެ ފަހުން އެހެން ރައްދުތަކެއް ދެއްވި އެވެ.
އެކަމާ ގުޅިގެން "މިހާރު" ން ކުރި ސުވާލުތަކަށް ޝާހިދު ވިދާޅުވީ، މި ސަރުކާރުން ވެސް ޕޮލިސް އެކަޑެމީގެ މަޝްރޫއު ހިންގަނީ ކުރީގެ ރައީސުން ކަމަށްވާ ވަހީދާއި ޔާމީންގެ ސަރުކާރުން އެއްބަސްވި ގޮތަށް އިންޑިއާގެ ހިލޭ އެހީގައި ކަމަށެވެ. މަޝްރޫއުގެ އަގަކީ ކުރިއެކޭ ވެސް އެއްގޮތަށް ޝާހިދު ވިދާޅުވި ގޮތުގައި 30 މިލިއަން ޑޮލަރެވެ.
"އެމްއޯޔޫގައި ސޮއިކުރެއްވީ ޖަމީލް. އަދިވެސް އޮތީ ހަމަ އެގޮތަށް. ޔާމީންގެ ސަރުކާރުގެ އިހުމާލުން މަސައްކަތް ނުނިމި ލަސްވުމުން، ޕްރޮޖެކްޓު ނިންމުމުގެ މުއްދަތަށް އައި ބަދަލު ނޫން ބަދަލެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.
(ކ-ވ) ޔާމީންގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު، މި ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު އަދި ވަހީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރު ޖަމީލް.
އޭނާ އެހެން ވިދާޅުވީ، ސޮއިކުރެއްވީ އިންޑިއާގެ ހިލޭ އެހީގައި ޕޮލިސް އެކަޑެމީ ގާއިމު ކުރަން ކަމަށާއި މި ސަރުކާރު އައި ފަހުން އެއްބަސްވުމަށް އިތުރު ކުރި ނުކުތާއެއް އެނގިވަޑައިގަންނަވާނީ ޝާހިދަށް ކަމަށް އުމަރު ވިދާޅުވުމުންނެވެ.
ޕޮލިސް އެކަޑެމީގެ ޑިޒައިން ބަދަލުކޮށް، އެ ތަނުގައި ކުރާ ބޭނުން ބަދަލު ކުރެވޭ ގޮތަށް އިމާރާތް ކުރާ ނަމަ ހިތާމައިގެ ކޮޅެއް ނެތް ކަމަށް އުމަރު ވިދާޅުވުމުން އޭގެ ޖަވާބު ޝާހިދު ގުޅުވައިލެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހިތަދޫގައި އިމާރާތް ކުރި އައްޑޫ ކޮންވެންޝަން ސެންޓަރު، ޔާމީންގެ ސަރުކާރުގައި ހޮސްޕިޓަލަކަށް ބަދަލުކުރި ކުރުމާ އެވެ.
"އެ ތާނގައި [ޕޮލިސް އެކަޑެމީ] ގާއިމުކުރަނީ ތަމްރީނު މަރުކަޒެއް. ނަމަވެސް އައްޑޫގައި ގާއިމުކުރި ކޮންވެންޝަން ސެންޓަރު، ރައީސް ޔާމީން ހޮސްޕިޓަލަކަށް ބޮޑު ޚަރަދު ކޮށްގެން ބަދަލު ކުރެއްވި ގޮތަށް މި މަރުކަޒު ޕީޕީއެމް/ޕީއެންސީން އެހެން ބޭނުމަކަށް ބަދަލު ނުކުރާނެ ކަމެއް ނޭނގޭ،" ޝާހިދު ވިދާޅުވި އެވެ.
Addu police academy ge massalaigaai Umar ge hoonu rahdheh Shahid ah
Mihaaru
އިންޑިއާގެ ސިފައިން ނުވަތަ ތަމްރީނު ހަދަން ރާއްޖެ ގެންނަ އެ ގައުމުގެ ސިފައިން އައްޑޫ ޕޮލިސް އެކަޑެމީގައި ނުތިބޭނެ ކަމުގެ ޔަގީންކަން މި ސަރުކާރުން ދިނުމަށް އުމަރު އެދިވަޑައިގެންފައިވާތީ، އޭގެ ޖަވާބުގައި ޝާހިދު ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރެއްވި، އޭރުގެ ހޯމް މިނިސްޓަރު ޖަމީލަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން އެއްވެސް ގައުމެއްގެ ސިފައިން އެ ތަނުގައި ނުތިބޭނެ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، އައްޑޫގައި ޕޮލިސް އެކަޑެމީ އިމާރާތް ކުރަނީ ރަނގަޅު، ފުލުހުންގެ ފައުޖެއް ގާއިމު ކުރުމަށް ބޭނުންވާ ތަމްރީނު ރާއްޖޭގައި ދިނުމަށެވެ.
"މިހާރު ފިތުނަކޮށް، ވާހަކަ ދައްކަނީ ޕްރޮފެޝަނަލް ޓްރެއިނިން ލިބި، ފުލުހުންގެ ގާބިލްކަން އިތުރު ވެދާނެތީ ބިރުން. އައްޑޫ ރައްޔިތުންނަށް ވަޒީފާ ލިބިދާނެތީ ބިރުން،" އުމަރަށް ދެއްވި ރައްދުގައި ޝާހިދު ވިދާޅުވި އެވެ.
އައްޑޫ ޕޮލިސް އެކަޑެމީގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެތަން ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެހެން ވެސް ޓްރެއިނިން ސެންޓަރެއްގައި ހުންނަން ޖެހޭ މުހިއްމު ވަސީލަތައް ހިމެނޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ