މީޑިއާނެޓްގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

މީޑީއާނެޓްގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
"ވަގުތު" އަށް ކަށަވަރުވެފައިވާ ގޮތުގައި ފައްސިވި މުވައްޒަފު މިހާރު ވަނީ ގޭގައި ކަރަންޓީނު ކޮށްފައެވެ. ފައްސިވެފައިވަނީ، އޯކިޑް މަގުގައި ހުންނަ އާންމު ރައްޔިތުން ބިލް ދައްކަންދާ އޮފީހުގެ ކައުންޓަރުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެކެވެ. އެހެން ކަމުން އެ މުވައްޒަފާއި އިތުރު މުވައްޒަފުންގެ އިތުރުން އެތަނަށް ދިޔަ ބައެއް މީހުންނާއި ބައްދަލުވެފައި ހުރެދާނެއެވެ.
އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މީޑިއާނެޓުން، ދިޔައީއެތަން ޑިސްއިންފެކްތް ކުރުމެއް ނެތި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ފައްސިވެފައިވާ މުވައްޒަފާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މުވައްޒަފުން އަދިވެސް ވަޒީފާއަށް އައުމަށް ވަނީ އަންގާފައެވެ.
އެ މުވައްޒަފު ފައްސިވެފައިވާ ކަން އެނގިފައިވަނީ އޮފީހުގައި ހުއްޓާ ހުން އައިސްގެން ގެއަށް ފޮނުވާލި ދުވަހު ހެދި ޓެސްޓުން އޭގެ ފަހު ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. މި ކުއްޖާގެ އިތުރުން އެހެން 3 މުވައްޒަފަކުވެސް ބަލި ވެގެން އިއްޔެ އޮފީހަށް ނާންނަކަން "ވަގުތު" އަށް ވަނީ ކަށަވަރު ކުރެވިފައެވެ.
މީޑިއާނެޓްގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެކުންފުނިން އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ