އަގު ބޮޑުކޮށް ތަކެތި ގަތް ފައިސާ އޮޑިޓުގެ ކުރިން ދައުލަތުން ހޯދި: ހިސާން

ކޮވިޑް19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ތަންތަނަށް ކާބޯތަކެތި ހޯދުމުގައި، ބާޒާރުގައި މުދާ ލިބެން ހުންނަ އަގުތަކަށް ވުރެ ބޮޑު އަގުގައި، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ތަކެތި ގަނެފައިވާ މައްސަލަ މީގެ މާކުރިން ސަމާލުކަމަށް އައިސް، އޮޑިޓުގެ ކުރިން އެފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ޑިޒާސްޓާއިން ބުނެފިއެވެ.
މިއަދު ޑިޒާސްޓާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އެ މައްސަލަ އޮޑިޓުގެ މާކުރިން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭގައި އޮތީ 23،000 ރުފިޔާގެ ތަފާތެއް ނޫން ކަމަށާއި، އަސްލު ފަރަގު 28،000 ރުފިޔާއަށް އަރާކަމަށް ހިސާން ވިދާޅުވިއެވެ.
އަދި އޮޑިޓުގެ މާކުރިން އެ ފައިސާ އަނބުރާ ހޯދާފައި ވާނެ ކަމަށާއި އެ މައުލޫމާތު އޮޑިޓުގައި ހިމަނާފައި ވަނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށާއި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭގޮތަށް ކަމަށް އޭނާ ވިދާޅުިވިއެވެ.
ކޮވިޑް19 އާ ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓްގެ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ކެއުން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައި ވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށް ވުރެ ބޮޑު އަގުގައި ކަމަށެވެ.
އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށް ވުރެ އެތައް ގުނައެއް ބޮޑު އަގުގައި ތަކެތި ގަނެފައިވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި ހަނޑޫ ހަކުރު ފުށް ފަދަ ކާޑުގެ ބާވަތްތައް ހިމެނެއެވެ. އަދި ކެއުން ބުއިމަށް ބޭނުންވާ މަސްދަޅާއި ފިޔާ މުގު ވަޅޯމަސް ރިހާކުރު ފަދަ ތަކެތިވެސް ހިމެނެއެވެ. އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައި ވަނީ، އަސްލު ޖެހޭ ޖުމްލަ އަގަށް ވުރެ 23،457 ރުފިޔާ އަގު ބޮޑުކޮށެވެ.
އޮޑިޓް ރިޕޯޓުގައި މިކަން އިސްލާހުކުރަން ލަފާދެމުން ބުނެފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓުން އަގު ކޮންޓްރޯލް ކޮށްފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް އަނބުރައި ޖަމާ ކުރުމަށެވެ. ހަމައެއާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިއުލާނު ކޮށްފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ވިއްކި ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެ މިނިސްޓްރީ އަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން ސިންގަލް ސޯސްގެ އުސޫލުން ތަކެތި ހޯދި ނަމަވެސް، ތަކެތި ފޯރުކޮށްދޭ ފަރާތުން ހުށަހަޅާ އަގާއި ބާޒާރުގައި ތަކެތި ހުރިއަގު އަޅާ ކިޔުމަށްފަހު އެކަށީގެންވާ އަގެއްގައި މެނުވީ ތަކެތި ނުގަތުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ