އަންހެނުންނަށް ހާއްސަ ކުރާ ގޮނޑީގެ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލަ ބަލައިގެންފި

ލޯކަލް ކައުންސިލަތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެ ދާއިރާތަކަށް ފިރިހެނުންނަށް ކުރިމަތި ނުލެވޭނެތީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގެންފިއެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅީ އާއްމު ފަރާތެއް ކަމަށްވާ މޫސާ އަންވަރެވެ. މި މައްސަލަ ކުރިން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ނިންމީ އެ މައްސަލަ ނުބެލުމަށެވެ. އެހެންކަމުން މޫސާ އަންވަރު ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.
ލާމަރުކަޒީ ގާނޫނަށާއި ގަނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށްފަހު، އެ އިސްލާހުތަކާއެކު ފުރަތަމަ ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 370 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ.
އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމުން ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކޮށްފައި އޮތުމުންނެވެ. ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރާ އުސޫލުގައި ވަނީ އެ ސިޓީއެއް ދާއިރާތަކަށް ބެހުމަށް ފަހު ކޮންމެ ދާއިރާއަކުން މެންބަރަކު އިންތިހާބު ކުރާއިރު، އެއިން އަންހެނުންނަށް ހާއްސަވާ ދާއިރާގެ ގޮނޑި ކަނޑައަޅަނީ ގުރުއަތު ލުމަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ