ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި ގޮވާލުން ގާސިމް ކުށްވެރިކޮށްފި

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން އާންމު ޓީވީ ޕްރޮގްރާމެއްގައި ގޮވާލި ގޮވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 
ގާސިމް މިހެން ވިދާޅުވެފައިވަނީ ޗެނަލް 13ގެ ޕްރޮގްރާމެއްގައި ރައީސްގެ ހަށިކޮޅުގައި އަލިފާން ޖެހުމަށް ގޮވާލުމާ ގުޅިގެން އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ހިއްވަރުދީ ހަދައިގެން ނުވާނެކަމަށެވެ.
ޗަނަލް13އިން ގެނެސްދޭ "ރައްޔިތުންގެ އަޑު" ކިޔާ ޝޯއެއްގައި އާންމު މީހަކު ބުނެފައިވަނީ "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ގައިގާ އަލިފާން ޖަހަން" މިހެންނެވެ. އޭނާ އެހެން ބުނުމުން ވެސް އެކަން އެ ޝޯގެ ޕްރެޒެންޓަރު ހުއްޓުވާފައެއް ނުވަތަ މެދުކަނޑާލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާއަށް ޝުކުރު އަދާކުރެއެވެ.
މި މައްސަލަ ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ތަހުގީގުކުރަމުން އަންނައިރު ފުލުހުން ވަނީ މި މައްސަލައިގައި ތ. ވިލުފުށިން 47 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ