މައުމޫން ކޯޓުގައި އިންނަވާތާ ހަތް ގަޑިއިރު ފަހުން ބަންދު މަޖިލިސް ކެންސަލް

ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ހަވީރު ކޯޓަށް ހާޒިރުކޮށް، ހަތް ގަޑިއިރު ފަހުން ބަންދުގެ މަޖިލިސް ކެންސަލްކޮށްފި އެވެ.
މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ ހަވީރު 3:30 ހާއިރު މައުމޫން ކޯޓަށް ހާޒިރުކުރުމަށް ފަހު ބަންދުގެ މަޖިލިސް ކެންސަލްވިކަން އެންގީ މިރޭ 11 ޖެހި ފަހުން ކަމަށެވެ. އަދި ދެން ތިއްބެވި ބޭފުޅުންގެ ބަންދުގެ މަޖިލިސް ވެސް މިރޭ ނުބާއްވަން ނިންމާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތާވަލްކުރި ޝަރީއަތުގެ މަޖިލިސްތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް ފަނޑިޔާރު އަލީ ހަމީދާއި މެންބަރު އިލްހާމް އަހްމަދުގެ ބަންދު ވަނީ ވަނީ އިތުރުކޮށްފަ އެވެ. އެ ދެ ބޭފުޅުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ވަނީ އަމުރުކޮށްފަ އެވެ.
މައުމޫންގެ އެހާ ގިނަ އިރު، ކޯޓުގައި އިންނަވަން ޖެހިވަޑައިގަތުމުން އެމަނިކުފާނުގެ ވަކީލާއި އާއިލާ އާއި ސިޔާސީ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މައުމޫންގެ ވަކީލުންގެ ޓީމުން ބުނީ އުމުރުން ދުވަސްވީ ބޭފުޅަކު އަދި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގެންފައިވާ ކުރީގެ ރައީސަކު، އެއްވެސް ސަބަބެއް ނެތި އެހާ ގިނައިރު ބެއިންދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޖުޑިޝަރީން އެކަމާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ވަކީލުން ބުންޏެވެ.
ކްރިމިނަލް ކޯޓުގައި އެހާ ގިނައިރުވުމުން، މައުމޫނާ ބައްދަލުކުރައްވައި ހާލު ބައްލަވަން ވަކީލުން ފުރުސަތަކަށް އެދިވަޑައިގެން ނަމަވެސް، އެ ފުރުސަތު ވެސް ނުދިން ކަމަށް ވަކީލް ވިދާޅުވި އެވެ.
މައުމޫން މިއަދު ކޯޓަށް ހާޒިރުކުރީ ދޫނިދޫގައި ބަންދުކޮށްފައި ހުންނަތާ 40 އަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކުރި ބޭފުޅުންގެ ބަންދުގެ މުއްދަތު އިތުރުކުރަމުން އަންނައިރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ވަނީ އެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ