އަލީ ހުސައިން އާއި ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުކުރީ އަމުރުތަކާ މެދު ސުވާލު އުފެއްދުމުން!
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކަކާ މެދު ސުވާލު އުފައްދައި ވާހަކަ ދެއްކުމާ ގުޅިގެން ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ. މިއަދު އެކެއް ޖަހާއިރު ކޯޓަށް ވަޑައިގެން ދެބޭފުޅުން ކޯޓުން ނުކުމެވަޑައިގަތީ ހަވާިރު ފަހެއް ޖަހަން އުޅެނިކޮށެވެ. ސުޕްރީމް ކޯޓުގެ ބޭރުގައި ހުންނަވައި މީޑިއާ އާ ވާހަކަފުޅު ދައްކަވަމުން ހުސައިން ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމެއް ތަންފީޒު ކުރުމާ ބެހޭ ގޮތުން ވާހަކަދެއްކިންތޯ ކޯޓުން ސުވާލު ކުރި ކަމަށެވެ. " އަޅުގަނޑު ދެންނެވުން އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރަން ވާނެ ކަމަށޭ. އެއީ އެކެއް ފެބުރުއަރީ ވިޔަސް ފަހެއް ފެބުރުއަރީ ވިޔަސް 15 ފެބުރުއަރީ ވިޔަސް" ޝަމީމް ވިދާޅުވި އެވެ. އަލީ ހުސައިން ވިދާޅުވީ އޭނާ އާ ސުޕްރީމް ކޯޓުން ސުވާލު ކުރީ ރައްޔިތުންގެ ކުރިމަތީގައި ސުޕްރީމް ކޯޓުގެ އަގު ވެއްޓޭ ފަދަ ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ކަމަށެވެ. އަދި "އެފަދަ ވާހަކައެއް ދައްކާފައި ނޯންނާނެ ކަމަށް ވިދާޅުވިން" ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. " އެބޭފުޅުން ވިދާޅުވި ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގެ ފަހުން ނެރުއްވި ހުކުމް ތަކާ މެދު ސުވާލު އުފެއްދިއޭ. ހުކުމްތައް ނެރިފައިވާ ގޮތާ މެދުވެސް ސުވާލު އުފެއްދިއޭ އަދި އުއްތަމަ ފަނޑިޔާރު ނެތި ހުކުމް ނުކުރެވޭނެ ކަމަށްވެސް އަލީ ހުސައިން ވާހަކަ ދެއްކިއޭ" އަލީ ހުސައިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް ބުނި ކަމަށާއި އެކަމަށް އެއްބަސްވެ މިއަދު ސުޕްރީމް ކޯޓަށް ބަޔާން ދީފައިވާނެ ކަމަށެވެ. އަދި އެގޮތަށް އެވާހަކަ ދެއްކީ އެއީގަބޫލުކުރާ ގޮތަށް ވާތީ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓު ހިމެނެނީ އުއްތަމަ ފަނޑިޔާރާ އެކީގައި ކަމަށާއި އެކެއް ފެބުރުއަރޯގެ ފަހުން ހުކުމްތައް ނެރެފައިވަނީ އުއްތަމަ ފަނޑިޔާރު ނެތި ކަމަށް ވާތީ ހުކުމްތަކާ މެދު ސުވާލު އުފައްދާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ