ހިޔާ މަޝްރޫއަކީ ހުވަފެނެއް، މިހުވަފެނުގައި ރައްޔިތުން ނުޖެހޭތި: އެމްޑީޕީ

ސަރުކާރުން ބިންގާ އަޅާފައިވާ "ހިޔާ" މަޝްރޫއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައްޔިތުންނަށް ދައްކާ ހުވަފެނެއް ކަމަށާއި މިހުވަފެނުގައި ރައްޔިތުން ނުޖެހުމަށް އެމްޑީޕީން ރައްޔިތުންގެ ކިބައިން އެދެފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުހައްމަދު އަސްލަމް ވިދާޅުވީ މިސަރުކާރުން ފަށާފައިވާ ހައުސިން މަޝްރޫއެއް މިސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އިންތިހާބާ ދިމާކޮށް ކުއްލިއަކަށް އެއްލައްކަ މީހުންނަށް ފްލެޓް ލިބޭ މަޝްރޫއެއް އިއުލާން ކުރުމުން މިއީ ރައްޔިތުންނަށް ދައްކާ ހުވަފެނެއްކަން ވަރަށް ރަނގަޅަަށް ސާބިތުވާ ކަމަށާއި މިހުވަފެނުގައި ރައްޔިތުން ނުޖެހުމަށް އެދޭ ކަމަށްވެސް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުން ގެދޮރުވެރިކުރުމަށް މި ސަރުކާރުން މިހާތަނަށް ހިންގާފައިވަނީ އެމްޑީޕީ ސަރުކާރުން ފަށާފައިވާ ޓާޓާ ފްލެޓުތަކުގެ މަޝްރޫއާއި ހުޅުމާލޭގައި އަޅާފައި ހުރި ފްލެޓުތަކެއްގެ މަޝްރޫއު ކަމަށާއި އެ މަޝްރޫއުތައްވެސް އެކަށީގެންވާ ފެންވަރެއްގައި ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން 14 ބުރީގެ 62 ޓަވަރު އަޅަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ދިވެހި އަމިއްލަ ބައެއް ކުންފުނިތަކަށާއި ބޭރުގެ ދެ ކުންފުންޏަކަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ދީގެން އެ ކުންފުނިތަކުން ކަމަށް ސަރުކާރުން ބުނެ އެވެ. މިމަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާތީ މިއީ ހަގީގަތަކަށް ހަދާނެ މަޝްރޫއެއް ކަމަށްވެސް ސަރުކާރުން ބުނެ އެވެ.
މިކަަމަށް ރައްދުދެއްވަމުން އަސްލަމް ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނޫން ސަރުކާރުގެ އެހެން އެއްވެސް ކުންފުންޏަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ކުންފުންޏަކީވެސް ރައްޔިތުންނަށް އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުނިތަކާއި ނުގުޅޭ މަސއްކަތްތައް ހަވާލުކުރުމުން އެ ކުންފުނިތަކުން ފޯރުކޮށްދޭންޖެހޭ ހަގީގީ ހިދުމަތްތަކަށް ބުރޫ އަރާ މަންޒަަރު ފެނިގެންދާ ކަމަށެވެ. މިކަންކަމަކީ ދެކޮޅު ނުޖެހޭ ކަންކަން ކަމަށާއި މިފަދަ މަޝްރޫއެއް ހިންގުމުގެ ގާބިލްކަން އެކުންފުނިތަކުގައި ނުހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅާ ހައުސިން ޔުނިޓުތަކުގެ މަސއްކަތް 2019 ވަނަ އަހަރު އެއްކޮށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެހެންނަމަވެސް މަޝްރޫއުގެ ބޮޑުބައި ނިމި އަންނަ އަހަރުވެސް މި ހައުސިން ޔުނިޓުތަކުގައި މީހުން ދިރިއުޅޭނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ. އަދި މިމަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާތީ މިއީ ހަގީގަތަކަށް ހަދާނެ މަޝްރޫއެއް ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅާ ޓަވަރުތަކުން ބޯހިޔާވަހިކަން ލިބިގެންދާ މުވައްޒަފުން ނިސްބަތްވާ ކުންފުނިތަކަކީ އެސްޓީއޯ، ޕީއެސްއެމް، ފެނަކަ، ސްޓެލްކޯ، އެމްއާރްޑީސީ، އެމްއޭސީއެލް، އެމްޕީއެލް އެވެ. މީގެ އިތުރުން އިިމިގްރޭޝަން، ކަސްޓަމްސް، އިސްލާމިކް ޔުނިވަސިޓީ، ގައުމީ ޔުނިވަސިޓީގެ މުވައްޒަފުންނަށް ވެސް މިމަޝްރޫއުގެ ދަށުން ފްލެޓް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއަށް 880 މިލިއަން ރުފިޔާ ހަރަދުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ހިއްކާފައިވާ 240 ހެކްޓަރުގެ ބިމުގައި 15،000 ހައުސިން ޔުނިޓު އެޅުމަށް އެޗްޑީސީން ވަނީ ކުރިން ނިންމާފައިވެ އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު އިފްތިތާހް ކުރި ހިޔާ މަޝްރޫއަކީ އެޗްޑީސީން އިއުލާންކުރި 15،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ