ރައީސް މައުމޫން މިނިވަންކުރުމަށް ގާސިމް ގޮވާލައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ބޮޑުވެފައި ވުމުން ފަރުވާއަށް ނަމަވެސް އެމަނިކުފާނު މިނިވަން ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ގާސިމް އިބްރާހީމް މިކަމަށް ގޮވާލެއްވީ ޖަލު ބަންދުގައި ހުންނެވި ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެކަމާ ހިތާމަފާޅުކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް މައުމޫންގެ އުމުރުފުޅުން 82 އަހަރު ވެފައިވާއިރު މިއަދަކީ އުމުރުން މިހާ ދޮށީ ބޭފުޅަކު ތުހުމަތެއްގައި ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ ތިންމަސް ހަމަވި ދުވަސް ކަމަށެވެ.
ރައީސް މައުމޫނަށް ބޮޑު އާލާސްކަންފުޅެއް ޖެހި ވަރަށް ސީރިއަސް ވެފައިވާކަން ގާސިމްގެ ޓުވީޓުގައި ފާހަގަކުރައްވާފައި ވެއެވެ.
އަދި ވިދާޅުވީ މިހާލަތުގައި އެމަނިކުފާނު ފަރުވާއަށް ނަމަވެސް މިނިވަން ކޮށްދިނުމަށް ފުލުހުންގެ މުއައްސަސާއަށާއި ޕްރޮސެކިއުޓަރ ޖެނެރަލަށް ޖުމްހޫރީ ޕާޓީން އިލްތިމާސް ކުރާ ކަމަށެވެ.
ރައީސް މައުމޫން ޖަލުގައި ބަންދުކުރިތާ 90 ދުވަސް ވެފައިވާއިރު، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއިމެދު ކެނޑިނޭޅި އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރޭގައި އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ގޯސްވި ނަމަވެސް ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށް އާއިލާއިން ބުނެއެވެ.
ރައީސް މައުމޫނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ (ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެއް ކަމަށްވެސް އާއިލާއިން ބުނެއެވެ. އެހެންކަމުން އެމަނިކުފާނު އެކަހެރިކޮށް ޖަލުގައި ހުންނަވަނިކޮށް ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ވަނީ ބުނެފައެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްވެސް ވަނީ މުއައްސަސާތަކުގައި އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި އުމުރުފުޅަށް ބެއްލެވުމަށްފަހު އިންސާނިއްޔަތަށްޓަކައި ނަމަވެސް ގެއަށް ބަދަލުކޮށްދެއްވުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަރިހު ޚުދު ރައީސް މައުމޫން ވެސް ވަނީ އާދޭސް ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ