އީސީގެ މެމްބަރު މުހައްމަދު ޝަކީލް ސްޓޭޓް މިނިސްޓަރަަކަމަށް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަަން ކުރައްވަމުން އައި މުހައްމަދު ޝަކީލް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވާފައިވާކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރު ވަނީ ޝަކީލް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝަކީލް އައްޔަން ކުރައްވައިފައިކަމަށެވެ.
އީސީގެ މެންބަރުކަމުން ޝަކީލް އިސްތިއުފާ ދެއްވިއިރު، ކޮމިޝަންގެ ރައީސަކަށް ކުރިން ހުންނެވި އަހުމަދު ސުލައިމާން ވެސް މީގެ މަހެއްހާ ދުވަސް ކުރިން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، އޭނާ އައްޔަންކުރެއްވީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްގެ މަޤާމަަށެވެ. ދެން އީސީގެ ރައީސްގެ މަޤާމަށް އައްޔަންކުރެއްވީ ކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަހުމަދު ޝަރީފެވެ.
އިލެކްޝަންސް ކޮމިޝަނަށް ބަދަލުތަކެއް މި ގެންނަނީ ރިޔާސީ އިންތިޚާބު ކައިރިވެ، އެ ކޮމިޝަންގެ މިނިވަންކަމާމެދު ސުވާލު އުފައްދައި، ބޮޑެތި ފާޑުކިޔުންތަކެއް އެ ކޮމިޝަނަށް އަމާޒުވެފައި ވަނިކޮށެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި އެ ކޮމިޝަން މިހާރު ހިންގަމުންދަނީ ވެރިކަންކުރާ ޕީޕީއެމް ބޭނުންވާ ގޮތަށެވެ. އަދި މި ހާލަތގައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު އިންތިޚާބު ނުބޭއްވޭނެކަމަށް އެފަރާތްތަކުންދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ