ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނީ ރޭ ފަތިސް ވާން އުޅެނިކޮށެވެ. އެދޭބޭފުޅުން ހައްޔަރުކުރި ސަބަބެއް ރަސްމީ އިދާރާއަކުން އަދި ސާފުކޮށެއް ނުދެއްވައެވެ.
ކުއްލި ހާލަތު އިއުލާން ކުރުމާއެކު، ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރީ ގަޑިއިރުތަކެއް ވަންދެން ސުޕްރީމް ކޯޓުގައި ތިއްބެވުމަށް ފަހުއެވެ. ކުއްލި ނުރަކަލުގެ ހާލަތު އިއުލާން ކުރެއްވިޔާ ހައެއްކަ ގަޑިއިރު ފަހުން ދެފަނޑިޔާރުން ހައްޔަރު ކުރިއިރު ދެބޭފުޅުން ވެސް އެހުރިހާ އިރަކު ތިއްބެވީ ސުޕްރީމް ކޯޓުގެ އެތެރޭގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ދެފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ރޭ ވަނީ ހައްޔަރުކޮށްފައެވެ.
ރޭ ހައްޔަރުކުރި ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ދޫނިދޫގައި ކަމަށް މައުލޫމާތު ލިބެއެވެ.
ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މުޒާހަރާ ކުރުމާއި އިހްތިޖާޖް ކުރުމުގެ ޙައްޤު ހިފަހައްޓާ މާލޭގެ ގިނަ ސަރަހައްދުތަކެއް ބަންދުކުރި ނަމަވެސް ކޮންމެވެސް ވަރަކަށް މީހުން މުޒާހަރާ ކުރަން މަގުތަކަށް ނިކުތެވެ. ނަމަވެސް ގިނަ ބަޔަކު މުޒާހަރާ އަށް ނުނިކުތުމުން ފުލުހުން ވަނީ ފަސޭހަކަމާއި އެކު މުޒާހަރާތައް ރޫޅާލާފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތް ނަމަވެސް މިއަދު ވެސް މާލޭގެ ހާލަތު އަދި އޮތީ ވަރަށް އަމާންކޮށެވެ. އާއްމު އުސޫލުން އޮފީސްތަކާއި ސުކޫލްތައް ހުޅުވިގެން ކުރިއަށް އެބަދެއެވެ.
އުއްތަމަ ފަނޑިޔާރާއި، އަލީ ހަމީދު އަދި މައުމޫން ވަނީ ހައްޔަރުކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ