ގާނޫނުއަސާސީގެ ހައްގުގައި މެންބަރުންގެ ކައިރީގައި ދައްކަންޖެހޭ ވާހަކަ ދައްކާނަން: ގާސިމް

ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަޔަކު މަސައްކަތްކުރާނަމަ އެ މަސައްކަތް ހުއްޓުވުމަށްޓަކައި ދައްކަންޖެހޭ ވާހަކަ އެކަމާ ގުޅުންހުރި ހަމަ ކޮންމެ މެންބަރެއްގެ ކައިރީގައި ދައްކަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މެސެޖު ފޮނުއްވާވަރުން އުނދަގޫވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމު ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ފަނޑިޔާރުން ވަކިކުރުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގާނޫނުތަކެއް ވުޖޫދަށް ގެނައުމުގެ ބަހުސް ހިމެނޭތީ މިފަދަ ގާނޫނުތަކެއް އުފެއްދުމަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުމެއްކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަނދާންކޮށްދެއްވި ކަމުގައެވެ.
އެކަން ހަނދާންކޮށްދެއްވީ މިހާރު އަމަލު ކުރެވެމުންމިދާ ގާނޫނުއަސާސީ ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުންނާއި ސިޔާސީ ޕާޓީއެއްގެ ލީޑަރުގެ ހައިސިއްޔަތުން ގާނޫނުއަސާސީގެ ހައްގުގައި އަދި ގައުމުގެ ދުސްތޫރީ ނިޒާމުގެ ހައްގުގައި ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މެންބަރުންގެ ކިބައިން އާދޭސް މިކުރަނީ ގާނޫނުއަސާސީ ނަގަހައްޓައިދިނުމަށް އެދި ކަމުގައެވެ.
ގާސިމް އިތުރަށް ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ނުކޮށް އެ ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ ހަމަތައް މުގުރައިލުމުގެ ގާނޫނުތަކެއް ނުހެދޭނެ ކަމަށާއި އެއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ކަމެއްކަން މަޖިލީސް މެންބަރުންނަށް ހަނދާންކޮށްދެއްވި ކަމުގައެވެ. އަދި އެގޮތަށް ހަދާ ގާނޫނެއް ސައްހަ ނުވާނެކަމާއި ރައްޔިތުންގެ މަޖިލީސް ވާންވާނީ ވަރަށް ހަރުދަނާ މުވައްސަސާއަކަށްކަންވެސް ހަނދާންކޮށްދެއްވި ކަމުގައެވެ. މިކަމާ ގުޅޭގޮތުން އެމަނިކުފާނާ ހަވާލާދީ ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކުގެ ލިންކު އެ މެންބަރުންނަށް ފޮނުއްވި ކަމުގައި ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހީމަކީ ލީޑަރެއް ނޫންކަމަށް މިއަދުގެ ޖަލްސާގައި އަބްދުއްރަހީމު ވިދާޅުވި ވާހަކައިގެ ރައްދެއްގެ ގޮތުގައި ގާސިމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރިމިނަލްކޯޓުން ހުކުމެއް ކުރިޔަސް ޝަރުއީ ނިޒާމުގެ ތެރެއިން ފުރިހަމަވާންޖެހޭ ތިން މަރުހަލާ ފުރިހަމަވެފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ފުރުއްވަމުން ގެންދަވާ މާމިގިލީ ދާއިރާގެ ގޮނޑިވެސް ހުސް ނުވާކަމަށާއި އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގައި ހުންނެވުމުގެ ޝަރުތުވެސް އަދި ނުގެއްލޭ ކަމުގައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލްކޯޓުން އިއްވާފައިވާ ހުކުމަކީ ބާތިލު ހުކުމެއްކަން ސްޕްރީމްކޯޓުން އެކެއް ފެބްރުއަރީގައި ނެރުއްވި އަމުރުން ވަރަށް ސާފުކޮށް އެނގޭކަމަށް ވެސް ވިދާޅުވިއެވެ. މަޖުބޫރުކޮށްގެން ކޯޓު އަމުރެއް ހޯދައިގެން ބައެއްގެ ޕާޓީ އަމިއްލަކޮށް މުސްތަޝާރުގެ ނަމުގައި ޕާޓީ އެ ހިންގަނީ ކޮންކަހަލަ ލީޑަރޝިޕެއްގެ ދަށުންތޯ ގާސިމް ސުވާލު ކުރެއްވިއެވެ.
ނާއިބުރައީސް ކަމުން އަހުމަދު އަދީބު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ގާސިމް ސީދާގޮތެއްގައި ނުފޫޒު ފޯރުއްވިކަމަށް ތުހުމަތުކުރައްވައި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު މިއަދު ދެއްކެވި ވާހަކަފުޅު ގާސިމް ވަނީ ދޮގު ކުރައްވައިފައެވެ. ގާސިމް ވިދާޅުވީ މޫސާމަނިކު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި އަހުމަދު އަދީބާއި އެއްކޮޅަށާއި ދެކޮޅަށް މަޖިލީހުގައި ނެގުނު ވޯޓުތަކުގެ ކަންކަން ދިޔައީ ކޮންބަޔަކު އަޑީގައި ތިބެގެން ކޮންގޮތަކަށްކަން ދިވެހި ރައްޔިތުންނަށް ރަނގަޅަށް އެނގޭ ކަމަށާއި އެކަން ހަނދާނުން ކެހިގެންދާހާ ދުވަސް އަދި ނުވާކަމުގައެވެ.
މަޖިލީސް މެންބަރުންނަށް ރިޝްވަތު ދިނީއޭ ވިދާޅުވެ ރީކޯ މޫސާމަނިކު ވާހަކަ ދައްކަވާއިރު ވެރިކަމެއް ފުރޮޅައިލުމަށް މަޖިލީސް މެންބަރުންނަށް ރިޝްވަތުދީފައިވާ މީހުންނާއި ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުނު މީހުން ތާރީޚުގެ ކުޑަދުވަސްކޮޅެއް ކުރިޔަށް ފީނައިލުމުން ވަރަށް ސާފުކޮށް ފެންނާނެ ކަމަށާއި ރީކޯ މޫސާމަނިކަށްވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެކަންކަން އެނގިވަޑައިގެން ހުންނަވައި މިއަދު މަޖިލީސް މެމްބަރުންނަށް ރިޝްވަތު ދިނީއޭ މޫސާމަނިކު އެވިދާޅުވަނީ އަނެއްކާ ކޮންކަހަލަ ބޮޑުމަންޒަރެއް ފެންނާން ފެށުމުންތޯ ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ.
އަބްދުއްރަހީމާއި މޫސާމަނިކާއި ނިހާނުފަދަ ބޭފުޅުން ކޮންމެ ދުވަހަކު ދައްކަވާ އަސާސެއްނެތް ވާހަކަތަކަށް ޖަވާބު ދެއްވުމަކީ އެމަނިކުފާނު ކޮންމެހެން ބޭނުންފުޅުވާ ކަމެއް ނޫންކަމަށާއި އެކަމަކު މިއަދު މަޖިލީހުގެ ތަޅަމުގައި އެބޭފުޅުން އެ ދެއްކެވި ވާހަކަތަކަކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި މަކަރުވެރި އެޖެންޑާއަކަށް ޖާގަ ޙޯދުމުގެ ވާހަކަތަކަކަށްވާތީ ރައްޔިތުންނަށް މިކަމުގެ ހަގީގަތް ހާމަކޮށްދެއްވަން ބޭނުންފުޅުވީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ