މައުމޫނު 30 އަހަރު ވަންދެން ޖެހީ ކަޑަ! ދެން އެ ފުރުސަތެއް ދިވެހިން ނުދޭނެ!

ދިގު 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން މިއަދު ވިދާޅުވަމުން ގެންދަވާ ވާހަކަ އަކީ ދިވެހި ޤައުމު އަމާން ބަނދަރަކަށް ގެންދަވާނެ ވާހަކައެވެ. ނުވަތަ ދިވެހި އޮޑި އަމާން ބަނދަރަށް ގެންދަވާނެ ކަމުގެ ވައުދުވެވަޑައިގަންނަވަނީއެވެ.
ދިވެހިންނަށް ހެޔޮ އަދި ރަނގަޅު ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް މައުމޫނު ވިދާޅުވަމުން ގެންދަވާއިރު ރައްޔިތުންގެ މިއަދު އެމަނިކުފާނަށް ކުރިމަތި ކުރުވާ ސުވާލަކީ، 30 އަހަރު ވަންދެން މަނިކުފާނު ކުރެއްވީ ކީއްތޯ އެވެ.
ދިވެހި ޤައުމަކީ މައުމޫން ބޭނުން ގޮތަކަށް މޮޑެލައްވަން އޮތް “ފުއްގަނޑެއް”ގެ ގޮތުގައި އެތައް އަހަރެއް ވަންދެން އޮތް އިރު މައުމޫނަށް ރައްޔިތުން މުހިއްމެއް ނުވިއެވެ.
ހުރިހާ ވެސް ވިސްނުންފުޅެއް ހުރީ، ތީމުގޭ ދޮށަށް ސަލާން ޖަހަން ރައްޔިތުން ގެނެސްގެން އުމުރު ދުވަހު ވެރިކަން ކުރެއްވުމަށެވެ.
ޤައުމުގައި ރައްޔިތުން ތިބިކަމުގެ އިހްސާސް މައުމޫނަށް ކުރެއްވެން ފެއްޓެވީ ވެރިކަމުގެ ތަޚުތު ދޫކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމުގެ ބިރު ހީފުޅުވުމުންނެވެ. އެހިސާބުން “އާއުސްމިންތަކެކޭ” ވިދާޅުވުމުން ރައްޔިތުން މައުމޫނަށް ދިން ޖަވާބު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ވަރަށް ސާފުކޮށް އެނގިގެންދެއެވެ.
މިއަދު އަނެއްކާވެސް މައުމޫނު ވިދާޅުވަމުން ގެންދަވަނީ ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް ހޯދައިދޭ ވާހަކައެވެ. އަމާން ބަނދަރަށް ދިވެހި އޮޑި ގެންގޮސްދެއްވާނެ ވާހަކައެވެ.
އެހެން ނަމަވެސް ރައްޔިތުން ތބީ އެވާހަކަ ޤަބޫލުކުރާ ގޮތަކަށް ނޫނެވެ. އެންމެ 3 އަހަރު ތެރޭގައި ރައީސް ޔާމީން މިޤައުމަށް މި ގެނައި ތަރައްޤީ މައުމޫނަށް 30 އަހަރުން ނުގެނެވުނު ކަން މިއަދު ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރެއެވެ.
އެކަން ޤަބޫލުކުރާ ޙާލު ރައްޔިތުން މިއަދު ބޭނުންވަނީ ރައީސް ޔާމީނާއި އެކު ތަރައްޤީގެ ފަޅީގައި ތިބޭށެވެ. މައުމޫނަށް އޮޑި ދުއްވަން ހަވާލުކުރާކަށް ރައްޔިތުން ބޭނުމެއް ނޫނެވެ. އަދި މައުމޫނުގެ ބަސްވިކޭ އޮޑިއެއްގެ ދިރުނބާކޮޅަކަށް ވެސް ދިވެހި ރައްޔިތުން އަރަން ދެން ބޭނުމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ