މައުމޫން ޖަލަށްލުމުން އުމުރުން ދުވަސްވީ މީހުން ވަރަށް ދެރަވެގެން އެވާހަކަ ދައްކާ - އަނާރާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލާފައި ހުރުމުން އުމުރުން ދުވަސްވީ މީހުން އެކަމާއި ވަރަށް ދެރަވެގެން އެވާހަކަ ދައްކާހަދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
އަނާރާ މިގޮތަށް ވިދާޅުވީ، އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އަނާރާ ވިދާޅުވީ، "ރައީސް މައުމޫން އުމުރުން 80 އަހަރުގަ ޖަލަށްލާފައ ހުރުމުން، އުމުރުން ދުވަސްވީ މީހުން އެކަމާ ވަރަށް ދެރަވެގެން އެވާހަކަ ދައްކާހަދާ" ކަމަށެވެ.
ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމުތައެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި، ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ