އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފި

ކަސްޓަމަރުންގެ ޑިމާންޑު ބޮޑުވުމުގެ ސަބަބުން އިއްތިހާދު އެއާވޭސްއިން އަބޫ ދާބީއާއި މާލެއާއި ދެމެދު ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.އިއްތިހާދު އެއާވޭސްއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެއާއި އަބޫދާބީއާ ދެމެދު ހަފްތާއަކު އިތުރު ހަތަރު ފްލައިޓް އޮޕަރޭޓް ކުރަން ފަށާނެ ކަމަށެވެ. މިއާއެކު މާލެއާއި އަބޫދާބީއާ ދެމެދު އިއްތިހާދުން ކުރާ ދަތުރުތައް ހަފްތާއަކު 11 ދަތުރަށް އިތުރުވެގެން ދާނެއެވެ.އަލަށް އިތުރުކުރާ ދަތުރުތަކުގައި އިއްތިހާދު އެއާވޭސްއިން ކޮންމެ ހަފްތާއެއްގެ ވެސް ހުކުރު، ހޮނިހިރު، އާދީއްތަ އަދި ހޯމަ ދުވަހު ރާއްޖެއަށް ދަތުރުކުރާނެއެވެ.މިކަމާ ގުޅޭގޮތުން އިއްތިހާދު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވިދާޅުވީ، މާލެއާއި އަބޫދާބީއާ ދެމެދު އެ އެއާލައިނުން ކުރާ ދަތުރުތައް އިތުރުކުރަން ނިންމީ، މި ރޫޓަށް ކަސްޓަމަރުންގެ މެދުގައި އޮތް ޑިމާންޑް އިތުރުވަމުންދާތީ ކަމަށެވެ. އަދި މި ދަތުރުތަކުގެ ވަގުތުތައް ކަނޑައަޅާފައިވަނީ ދަތުރުކުރާ ފަރާތްތަކަށް ރާއްޖޭގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރެވޭނެ ގޮތްތައް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.އިއްތިހާދު އެއާވޭސްއިން އިތުރަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަން ހަމަޖެހިފައިވަނީ އެއާބަސް އޭ 320 އެވެ. މި ފްލައިޓުގައި ބިޒްނަސް ކްލާހުގެ 16 ސީޓު އަދި އިކޮނޮމީ ކްލާހުގެ 120 ސީޓު ހިމެނެއެވެ.2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ދަތުރުކުރަން ފެށި ފަހުން މިހާތަނަށް 550،000 ފަސިންޖަރުން ވަނީ އެ އެއާލައިންސް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކޮށްފައެވެ. އަދި ފާއިތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ޔޫ.އޭ.އީ އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 35 އިންސައްތަ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ