ޝަރީއަތް ނިމެންދެން ގޭގައި ބަންދުކުރި މެމްބަރު އާދިލް ދޫކޮށްލައިފި

ކުޑަކުއްޖަކާ އެކު ބަދު އަހްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލްގެ މައްޗަށް ހިންގާ ޝަރީއަތް ނިމެންދެން އޭނާ ގޭގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށް ޝަރުތުތަކަކާ އެކު މިއަދު އޭނާ ދޫކޮށްލައިފި އެވެ.
ޝަރުތުތަކަކާއެކު އާދިލް ގޭބަންދުން ދޫކޮށްލިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ކޮށްފައި ވަނީ ކޮން ޝަރުތުތަކެއް ކަމެއް ނުބުނެ އެވެ.
އާދިލް އަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭ މީހެއް ކަމަށް ފެންނަ ކަމަށް ބުނެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމު ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
އާދިލްގެ މައްޗަށް ޕީޖީން ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ (ނ() ގައި ބުނެފައިވަނީ އެ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
ގާނޫނޫ އަސާސީ 73 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރާ ނަމަ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ