އަމިއްލަ ފަރާތްތަކުން ހިންގާ އުމުރާނީ ޕްރޮގްރާމްތަކަށް ދައުލަތުން ގެރެންޓީ ދޫކުރާނެ އުސޫލެއް ކަނޑައަޅައިފި

އަމިއްލަ ފަރާތްތަކުން ހިންގާ އުމުރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ޕްރޮގްރާމްތަކަށް ދައުލަތުން ގެރެންޓީ ދޫކުރުމުގައި އަމަލުކުރާނެ އުސޫލެއް ވަޒީރުންގެ މަޖިލީހުން އިއްޔެ ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ދައުލަތުން އަމިއްލަ ފަރާތްތަކަށް ގެރެންޓީ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު ކަނޑައެޅީ ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އުމުރާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ބޮޑެތި ޕްރޮޖެކްޓްތަކަށް ފައިސާ ހޯދައިދިނުމުގައި ލުޔެއް ހޯދައިދިނުމުގެ ގޮތުން، ވަޒީރުންގެ މަޖިލީހުން ނިންމީ އަހަރަކު 125 މިލިއަން ރުފިޔާގެ ލިމިޓެއްގެ ތެރެއިން އަމިއްލަ ފަރާތްތަކަށް ގެރެންޓީ ދިނުމަށެވެ. މިގޮތުން ގެރެންޓީ ދޭއިރު އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ ފަރާތްތައް ނުހިމެނޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނި ގޮތުގައި ވަޒީރުންގެ މަޖިލީހުން ނިންމީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ހަރަދެއް ނަމަ، ގެރެންޓީ ހޯދުމަށް ފިނޭންސް މިނިސްޓްރީގެ ލަފައާ އެކު ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވުމުން، ރައީސުލްޖުމްހޫރިއްޔާ ގޮތެއް ކަނޑައެޅުއްވުމަށެވެ. އަދި ބަޖެޓުގައި ހިމެނިފައި ނުވާ ހަރަދެއް ނަމަ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅުއްވައިގެން ގޮތެއް ކަނޑައެޅުއްވުމަށް ވެސް ވަޒީރުން ވަނީ ނިންމަވައިފަ އެވެ.
މާލީ އެހީ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ވިޔަފާރިވެރިންނަށް އިތުރު ލުޔެއް ގެނެސްދިނުމުގެ ގޮތުން 300 މިލިއަން ރުފިޔާގެ ކޮލޯޓްރަލް ގެރެންޓީ ސްކީމެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ފޯރުވައި ދެއްވާނެ ކަމަށް މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. އެ ސްކީމް ވާނީ ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަކުރެވޭ ސްކީމަކަށް ކަމަށް ވެސް ރައީސް ނަޝީދު މާޗު 3 ވަނަ ދުވަހު ދެއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ