އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި

ވިޔަފާރި ފައިދާއިން ނަގާ އިންޓަރިމް ޓެކްސް ނުވަތަ އަހަރުގެ މެދު ތެރެއިން ނަގާ ޓެކްސް އިސްލާމްދީނުގެ އަސާސްތަކާ ޚިލާފު ކަމަށް ބުނެ، އެ ޓެކްސް އުވާލުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
 
އިސްލާމްދީނުގެ އަސާސްތަކާ ޚިލާފު ކަމަށް ބުނެ އިންޓަރިމް ޓެކްސް އުވާލުމަށް ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ މެންބަރު އަދި ވިޔަފާރިވެރިޔާ ހުސެއިން އަމްރު އެވެ.
 
ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު އަމްރު ހުށަހެޅުއްވި މައްސަލަ ހައިކޯޓުން ބަލައިިނުގަނެ ބޭރުކޮށްލާފައިވަނީ، އެ ދައުވާ ބިނާކުރާ ސަބަބުތަކުގެ ގޮތުގައި ހަރުދަނާ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް ހުށަހަޅާފައިނުވާ ކަމަށް ބުނެ އެވެ. އެ މައްސަލަ ބަލައިނުގަންނަން ނިންމާފައިވާކަން އަމްރު އަށް އަންގާފައިވަނީ ފެބްރުއައީ 27 ވަނަ ދުވަހު އެވެ.
 
މައްސަލަ ބަލައިނުގަންނަ ނިންމާފައިވާކަން ހައިކޯޓުން އަމްރު އަށް އަންގާފައިވަނީ، މައްސަލަ އަށް ވީނުވީއެއް ނޭނގިގެން ފެބްރުއަރީ 22 ވަނަ ދުވަހު އެ ކޯޓަށް އަމްރު ސިޓީއެއް ހުށަހެޅުއްވުމުންނެވެ.
 
އިންޓަރިމް ޓެކްސް އަކީ ފާއިތުވި އަހަރު ވިޔަފާރީގެ ފައިދާއަށް ދައްކާފައިވާ ޓެކްސްއަށް ބަލައި، އަހަރުގެ މެދުތެރެއިން ކުރީ އަހަރެކޭ އެއްވަރަށް ފައިދާވާނެ ކަމަށް "ލަފާކޮށް" އެ ޓެކްސްއަށް ދެއްކި އަދަދުގެ ދެބައިކުޅަ އެއްބައި އަނެއް އަހަރު ދެއްކުން ލާޒިމްކުރާ ޓެކްސް އެކެވެ.
 
އަމްރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ޔަގީންކަމެއް ނެތް އަދި ލަފާކުރުމުގެ މައްޗަށް ކުރެވޭ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ދީނީ ހުއްދަ ނުވާނެ ކަމަށެވެ.
 
މީގެ އިތުރުން އިންޓަރިމް ޓެކްސް ނެގުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދެ ވަނަ މާއްދާއާއި 10 ވަނަ މާއްދާގެ އިތުރުން 40 ވަނަ މާއްދާއާއި 63 ވަނަ މާއްދާއާއި 65 ވަނަ މާއްދާއާ ތައާރުޒުވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.
 
އެ މައްސަލައިގައި ބުނެފައިވަނީ ލަފާކުރުމުގެ މައްޗަށް ކުރެވޭ ފައިސާގެ މުއާމަލާތަކީ ޣަރަރުގެ ގޮތުގައި އިސްލާމްދީނުގައި ކަނޑައެޅިފައިވާއިރު، އަދި އެފަދަ ކަންކަމަކީ ހުއްދަ ނޫން ކަމެއް ކަމުގައި ކީރިތި ރަސޫލާގެ ހަދީޡްފުޅުން ސާފުވާއިރު، ޣަރަރުގެ ގޮތުގައި ބެލެވިދާނެ 'ނުކުރާ ވިޔަފާރިއަކަށް، އަންދާޒާއާ ލަފާކުރުމަށްފަހު ނެގޭ ޓެކްސްއެއް' ގާނޫނީ ގޮތުން ހުއްދަވެގެން ނުވާނެ ކަމަށެވެ.
 
އިސްލާމްދީނާއި ތައާރަޒްވާ އެއްވެސް ކަމެއް ގާނޫނު އަސާސީގެ ދަށުން ހުއްދަ ނުކުރެވޭނެތީ އާއި މިއީ ބުއްދީގެ ހަމަތަކުގެމަތިން ބަލާނަމަވެސް ނެގިގެންވާނެ ޓެކުހެއް ކަމަށް ނުބެލެވޭ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ. އަދި ނުކުރެވޭ ވިޔަފާރިއަކަށް ފައިދާވީ ކަމަށް ބަލައި ޓެކްސްއެއް ނެގުމަކީ ދައުލަތުން ވިޔަފާރިވެރިންގެ މުދާ ނިގުޅައިގަތުން ކަމުގައި ބެލެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
 
އެކަންކަން ފާހަގަކޮށް، އަމްރު ހުށަހަޅުއްވާފައިވަނީ އިންޓަރިމް ޓެކްސްގެ ސަބަބުން ގެއްލިގެންދާ ވިޔަފާރިވެރިންގެ ހައްގުތައް ރައްކާތެރިކޮށް، އިންސާފު ހޯދައިދީ، ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކާއި ގެއްލުމަށް ހައްލެއް ހޯދައިދިނުމަށް އިންޓަރިމް ޓެކްސް އުވާލަ ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ