ނ. މާފަރުގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާގެ ހަރަކާތެއްގެ ގޮތުން އެރަށުގެ ސްކޫލާއި ކައުންސިލް އިދާރާއާއި އަދި ސިއްހީމަރުކަޒު ބަންދުކުރުމުގެ ސަބަބުން އަސާސީ ހައްގުތަކުން ރައްޔިތުން މަހުރޫމް ވަމުންދާތީ އެކަމާއި ހޯމް މިނިސްޓްރީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސްކޫލާއި ކައުންސިލް އިދާރާއާއި އަދި ސިއްހީމަރުކަޒުފަދަ ތަންތަނުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކަކީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ވާގޮތުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކެއް ކަމަށެވެ. އަދި ގާނޫނު އަސާސީ ބުނާގޮތުން ބަޔަކު ކުރާ ކަމެއްގެ ސަބަބުން އެއްވެސް ފަރުދެއް ނުވަތަ ޖަމާއަތަކަށް ލިބިދޭންޖެހޭ އަސާސީ ހައްގެއް ލިބުމަށް ހުރަސް އެޅުމަކީ، ރައްޔިތުންގެ ހައްގަށް އަރައިގަތުން ކަމަށް ވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ހޯމް މިނިސްޓްރީން ބުނީ ކަމެއް ރަނގަޅު ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރުމަށް ކަމަށް ބުނެ ރައްޔިތުންނަށް މިހާރު ލިބެމުންދާ ހިދުމަތްތަކެއް އެއްކޮށް ހުއްޓުމަކަށް ގެނެސްފައިއޮތް އޮތުން ނިމުމަކަށް ގެނައުމަށް އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.
"...ރައްޔިތުންނަށް އެހައްގުތައް ލިބިގަތުމަށް ބަންދުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިލްތިމާސް ކުރަމެވެ. އަދި މިކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސްނުޖެހޭނޭ ކަމަށްވެސް މިފުރުސަތުގައި ހަނދާންކޮށްދެމެވެ." ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ގައުމީ ތަރައްގީ ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާއްވަވާ މަޝްރޫއު ތަކަކީ، ދައުލަތަށް ލިބޭ އާމްދަނީއެއްގެ މައްޗަށް ރިއާޔާތް ކުރިއަށް ގެނެދެވޭ ކަންކަންކަމަށާއި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެވެމުންދާނީ، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި އިންސާފުވެރިކަމާއެކު ހިދުމަތްތައް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމަކީ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ހައްގަކަށްވީ ހިނދު، ސުލްހަވެރިކަމާއެކު އެއްވެއުޅުމާއި ހިޔާލުފާޅުކުރުމަށް ސަރުކާރުން އަބަދުވެސް މަރުހަބާ ލިޔާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އަސާސީ ޚިދުމަތްތަކުން މާފަރު ރައްޔިތުން މަހުރޫމްވެފައިވާތީ ކަންބޮޑުވޭ: ހޯމް މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ